ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެ

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރިން ކަނޑުގެ ފުން ކޭވްއަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ހާއްސަ ރެސްކިއު އޮޕަރޭޝަނަށް އެހީތެރިވުމަށް، ދުނިޔޭގެ ފެންވަރުގެ ފިންލޭންޑްގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހު އިޓަލީގެ 5 ފަތުރުވެރިން ޑައިވިނަށް ފައިބާފައިވަނީ އެއްވެސް ދިވެހި ޑައިވަރަކާ ނުލައެވެ. އެމީހުންގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު (ޑައިވިންގ އިންސްޓްރަކްޓަރު) ވަނީ ކަނޑުގެ 60 މީޓަރު އަޑިން، ކޭވްއެއްގެ ތެރެއިން ނިޔާވެފައި އޮއްވާ ފެނިފައެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. "ހައި ރިސްކު" އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ސިފަކޮށްފައިވާ އެ އޮޕަރޭޝަނުގައި މިއަދުވެސް އަށް ޑައިވަރަކު ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ދެން މި އޮޕަރޭޝަން ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން މިކަމަށް ޚާއްސަ 3 މެންބަރުންގެ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
މި ޓީމާ ގުޅޭގޮތުން ތަރުޖަމާނު ދެއްވި މައުލޫމާތުތައް:
- ބޭން (Bane) ކުންފުނި: މިއީ އިޓަލީ ސަރުކާރުން އިސްނަގައިގެން، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ހުރިހާ ގައުމަކުން އެއްބަސްވެގެން ކަނޑައެޅި އިޓަލީގެ މަޝްހޫރު ކުންފުންޏެކެވެ.
- ފިންލޭންޑްގެ މާހިރުން: ރާއްޖެ އައިސްފައިވާ ޓީމަކީ މި ކުންފުނީގެ ދަށުން މަސައްކަތްކުރާ، ފުން ކަނޑުތަކާއި ކޭވްތަކަށް ފީނުމުގައި ދުނިޔޭގެ ފެންވަރުގައި ނަންހިނގާ ފިންލޭންޑްގެ ތިން ރައްޔިތުންނެވެ.
ރާއްޖެ އައިސްފައިވާ ބައިނަލްއަގުވާމީ މި ޓެކްނިކަލް ޓީމުން ކުރިއަށް އޮތް ވަގުތުތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނާ ގުޅިގެން، ކޭވް ތެރޭގައި ތިބި ކަމަށް ބެލެވޭ ބާކީ 4 ފަތުރުވެރިން ހޯދުމުގެ މަސައްކަތް އަލުން ފަށާނެއެވެ.
އިތުރަށް





.gif.gif&w=828&q=100)