މެސީގެ މުސާރަ ދެގުނަ ބޮޑުކޮށްފި: އަހަރަކު 28 މިލިއަން ޑޮލަރާއެކު އެމްއެލްއެސްގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ!
.jpg&w=3840&q=100)
އިންޓަ މިއާމީއަށް ކުޅެމުންދާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ މުސާރަ ދެގުނަ ބޮޑުކޮށް، އޭނާއަކީ މޭޖަރ ލީގު ސޮކަރ (MLS) ގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާގެ މަގާމު ދަމަހައްޓައިފިއެވެ.
އެމްއެލްއެސް ޕްލޭޔާސް އެސޯސިއޭޝަނުން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މެސީގެ އަސާސީ މުސާރަ މިހާރު ވަނީ 25 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއީ ލީގުގައި ދެވަނައަށް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މެސީއަށް ލިބޭ ގެރެންޓީޑް ކޮމްޕެންސޭޝަން (އިތުރު އިނާޔަތްތަކާއެކު) ޖުމްލަ 28.3 މިލިއަން ޑޮލަރަށް އަރައެވެ.
މިދިޔަ އޮކްޓޯބަރު މަހު މެސީ ވަނީ އިންޓަ މިއާމީއާއެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ.
އެންމެ ބޮޑު މުސާރަ ލިބޭ 5 ކުޅުންތެރިން
މިހާރު ލީގުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިންގެ ތަރުތީބަކީ:
- ލިއޮނަލް މެސީ - 28.3 މިލިއަން ޑޮލަރު
- ސޮން ހިއުން-މިން - 11.2 މިލިއަން ޑޮލަރު
- ރޮޑްރިގޯ ޑި ޕޯލް - 9.7 މިލިއަން ޑޮލަރު
- ހާވިން ލޮޒާނޯ - 9.3 މިލިއަން ޑޮލަރު
- މިގޭލް އަލްމިރޯން - 7.9 މިލިއަން ޑޮލަރު
ދެވަނައިގައި އޮތް ދެކުނު ކޮރެއާގެ ތަރި ސޮން ހިއުން-މިން މިދިޔަ އޮގަސްޓް މަހު އެލްއޭއެފްސީއަށް ބަދަލުވީ 26 މިލިއަން ޑޮލަރުގެ ރެކޯޑް ޓްރާންސްފާ ފީއެއްގައެވެ.
މެސީގެ އިތުރުން ލުއިސް ސުއަރޭޒް ފަދަ ތަރިންނާއެކު އިންޓަ މިއާމީއިން ކުޅުންތެރިންގެ މުސާރައަށް ކުރާ ޚަރަދު ވަނީ 54.6 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މުޅި ލީގުގައި ވެސް އެންމެ ބޮޑު ޚަރަދެކެވެ. މިއާ އަޅާބަލާއިރު، ލީގުގައި އެންމެ މަދު ޚަރަދެއް ކުރާ ފިލަޑެލްފިއާގެ ޕޭރޯލަކީ އެންމެ 11.7 މިލިއަން ޑޮލަރެވެ.
އުމުރުން 38 އަހަރުގެ މެސީ މިހާތަނަށް މިއާމީއަށް ކުޅުނު 64 މެޗުގައި 59 ގޯލު ވަނީ ޖަހާފައެވެ. މިދިޔަ ސީޒަނުގައި 29 ގޯލާއެކު ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި، ޖެހިޖެހިގެން ދެވަނަ ފަހަރަށް އެމްވީޕީ ކަން އޭނާ ވަނީ ހޯދާފައެވެ.
އަންނަ މަހު ފަށާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ތަށި ދިފާއުކުރުމުގެ ބުރަ ޒިންމާ އުފުލާނީ ވެސް ކެޕްޓަން މެސީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މެސީގެ މުސާރައިގެ މި އަދަދުތަކުގެ ތެރޭގައި އިޝްތިހާރުތަކުން ލިބޭ އާމްދަނީއެއް ނުހިމެނެއެވެ.

.gif.gif&w=828&q=100)

