ބީއެމްއެލްގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން ބޭންކް ފަންޑަށް ޕްރޮޕޯސަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވައިލާ ފުރުސަތެކެވެ.
ކޮންމެ އަހަރަކުވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދެއެވެ. މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ. މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމަޢު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
" ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން. 'ބޭންކް ފަންޑު' އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް." ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އިތުރަށް





.gif.gif&w=828&q=100)