logologologologo
STO
ޚަބަރު

ހުޅުމާލެ ޗެނަލް ޕާކް ސަރަހައްދަށް ކޯމަސްތަކެއް ވަދެއްޖެ

ހުޅުމާލެ ޗެނަލް ޕާކް ސަރަހައްދަށް ކޯމަސްތަކެއް ވަދެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 04

ހުޅުމާލޭ ދެ ފޭސް ދެމެދު އޮންނަ ޗެނަލް ޕާކް ސަރަހައްދަށް މިއަދު ކޯމަސްތަކެއް ވަދެއްޖެއެވެ.

އެޗްޑީސީން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ހުޅުމާލެ ފޭސް އެކެެއްގެ ޗެނަލްއަށް ކޯމަސްތަކެއް ވަދެގެން އުޅޭ މަންޒަރެވެ.

ޗެނަލްގެ ތިލަ އަދި ސާފު މަޑު ނޫކުލައިގެ ލޮނުގަނޑުތެރޭގައި ކޯމަސްތައް ހަރަކާތްތެރިވަމުންދާ ވަރަށް ރީތި މަންޒަރުތައް އެތައް ބަޔަކު ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

މިއަދު މެންދުރުފަހުން ފެނުނު މި މަންޒަރު ބަލަން އެ ސަރަހައްދަށް ގިނަބަޔަކު ޖަމާވެފައިވާ ތަން ވީޑިއޯތަކުން ފެނިފައިވެއެވެ.

އެޗްޑީސީން މީސް މީޑިއާގައި އާއްމު ކުރި ވީޑިއޯއިން ފެނިގެން ދަނީ ފަސް ވަރަަކަށް ކޯމަސް އެ ޗެނަލް ތެރޭގައި ހަރަކާތްތެރިވަމުންދާ ތަނެވެ. މި ހިތްގައިމު މަންޒަރުތައް އެޗްޑީސީން ނަގާފައިވަނީ ޑްރޯންގެ އެހީގައެވެ.

 

 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ނިސްބަތުންވެސް ވަރަށް ގިނައިން ކޯމަސް ފެންނަ ސަރަހައްދެކެވެ. މީގެ މައިގަނޑު ސަބަބުތަކުގެތެރޭގައި ​ރާއްޖޭގެ ފަރުތަކާއި އަތޮޅުތަކުގެ އެތެރެވަރީގެ ސަބަބުން، ކޯމަހުގެ މައިގަނޑު ކާނާ ކަމަށްވާ ކުދިމަހާއި، އިހި، ބޯވަ ފަދަ ތަކެތި މި ސަރަހައްދުގައި ވަރަށް ގިނައެވެ. ޚާއްޞަކޮށް އަތޮޅުތަކުގެ ދެމެދުގައި އޮންނަ ކަނޑުއޮޅިތަކަކީ އޮއިވަރާއެކު ގިނަ އަދަދަކަށް ކާނާ ޖަމާވާ ތަންތަނަށް ވާތީ، ކޯމަސްތައް އެ ސަރަހައްދުތަކަށް ޖަމާވެއެވެ.

ރާއްޖޭގެ ޤާނޫނުން ކޯމަހަކީ ހިމާޔަތްކުރެވިފައިވާ އެއްޗަކަށް ވުމަކީވެސް، މި ސަރަހައްދުގައި އެތަކެތި ގިނަވުމަށް މަގުފަހިވާ ކަމެކެވެ.​ ރާއްޖެއިން ގާތްގަނޑަކަށް 20 އަށްވުރެ ގިނަ ބާވަތުގެ ކޯމަހާއި ބޮޑުމަސް ފެންނަ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

MALDIVE GASAllied Insurance
އިތުރަށް