ސޯޝަލް ހައުސިންގެ ކުލި ގިނަ މީހުން ނުދައްކާ! މިއަކީ އިންސާފުތަ؟

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަކީ އަބަދުވެސް ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އިޖުތިމާޢީ ގޮތުން ދަތިހާލުގައި އުޅޭ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުތަކުން ފަށާ ސޯޝަލް ހައުސިން މަޝްރޫޢުތަކަކީ ޤައުމެއްގެ އިޖުތިމާޢީ ރައްކާތެރިކަމުގެ އެންމެ ވަރުގަދަ ބިންގަލެވެ. މިއީ ވިޔަފާރި އުސޫލުން ފައިދާ ހޯދުމުގެ ބަދަލުގައި، އާންމު މާކެޓުގައި ބޮޑު އަގު ދީގެން ގެދޮރު ހޯދުމުގެ ތަނަވަސްކަން ނެތް އާއިލާތަކަށް އަމާޒުކޮށްގެން ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގާ މަޝްރޫޢުތަކެކެވެ. އެހެންނަމަވެސް، މިފަދަ މަޝްރޫޢުތަކުން ފްލެޓް ލިބުމަށްފަހު، ގަވާއިދުން ކުލި ނުދައްކައި ތިބުމުގެ ނުރަނގަޅު އާދަ މުޖުތަމަޢުގައި އަންނަނީ އިތުރުވަމުންނެވެ.
ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދެއްކުމަކީ ހަމައެކަނި ކުޑަކަމެއްގެ ގޮތުގައި ދެކެވުނު ކަމުގައިވީނަމަވެސް، މިއީ ހަމަހަމަކަމާއި އިޖުތިމާޢީ އިންސާފުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު، މުޅި ދައުލަތަށާއި އެހެން ރައްޔިތުންނަށް އޭގެ މާލީ ބުރަ އުފުލަންޖެހޭ ކަމެކެވެ. ސަރުކާރުން މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގަނީ ބޭރުގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުން ބޮޑެތި ލޯނު ނަގައިގެންނެވެ. އެ ލޯނުތައް އަނބުރާ ދެއްކުމަށް ޕްލޭންކޮށްފައިވަނީ ފްލެޓްތަކުން ލިބޭ ކުލީގެ ފައިސާއިން ކަމަށްވާއިރު، ކުލި ނުދެއްކުމުން އެ ލޯނުތައް ދެއްކުމަށް ސަރުކާރަށް މަޖުބޫރުވަނީ އާންމު ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކުރާށެވެ. މިއީ ސަބްސިޑީ ދީގެން ހެޔޮ އަގުގައި ދޫކޮށްފައިވާ ތަންތަނުގައި ދިރިއުޅެމުން، އެހެން ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމެކެވެ.
މީގެއިތުރުން، ސޯޝަލް ހައުސިންގ ޔުނިޓްތަކަކީ އިމާރާތް ކުރުމަށްފަހު ދޫކޮށްލެވޭ ތަންތަނެއް ނޫނެވެ. ހިޔާ އަދި ވިނަރެސް ފަދަ ބޮޑެތި ޓަވަރުތަކުގެ ލިފްޓްތަކުގެ ޚިދުމަތާއި، ސަލާމަތީ ކަންކަމާއި، ކުނި މެނޭޖްކުރުމާއި، އިމާރާތްތަކުގެ އާބާތުރަ ފިލުވައި މެއިންޓެނަންސް ބެލެހެއްޓުމަކީ ކުލީގެ ގޮތުގައި ލިބޭ ފައިސާއިން ހަމަޖައްސަންޖެހޭ ކަންކަމެވެ. ގަވާއިދުން ކުލި ނުދައްކާނަމަ، މި ޚިދުމަތްތައް ދިނުމަށް ބުރޫއަރައި، ދިރިއުޅޭ މާހައުލު ހަލާކުވެ، އެކަމުގެ ނޭދެވޭ އަސަރު މުޅި އިމާރާތުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ކުރާނެއެވެ.
ކުލި ނުދެއްކުމުގެ މައްސަލައިގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ މުސްތަޤުބަލުގައި ހައުސިން މަޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ކުލީގެ ގޮތުގައި ސަރުކާރަށާއި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާގެ އަދަދު 600 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. މިގޮތަށް ފައިސާ ނުލިބި ރިކަވަރީ ދަށްވުމުން، މާލީ އިދާރާތަކުން އިތުރު މަޝްރޫޢުތަކަށް ފައިނޭންސް ދިނުމަށް ފަސްޖެހޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އަލަށް ފަށަން ހުރި މަޝްރޫޢުތައް މަޑުޖެހި، އަދިވެސް ކުޑަ ކޮޓަރިއެއްގައި ދަތިހާލުގައި އުޅޭ އެތައް ހާސް އާއިލާތަކަކަށް ބޯހިޔާވަހިކަން ލިބުން ލަސްވެ، އަންނަން އޮތް ޖީލުތަކަށްވެސް އެ ދޮރުތައް ބަންދުވެގެންދާނެއެވެ.
ކުރުކޮށް ބުނާނަމަ، ސޯޝަލް ހައުސިންއަކީ ހިލޭ ދެވޭ ބޯހިޔާވަހިކަމެއް ނޫނެވެ. އެއީ ދައުލަތުން ރައްޔިތުންނަށް ދީފައިވާ ވަރަށް ބޮޑު ލުޔެކެވެ. ސޯޝަލް ހައުސިންގެ ކުލި ގަވާއިދުން ދެއްކުމަކީ ހަމައެކަނި ޤާނޫނީ ވާޖިބެއް ނޫނެވެ. އެއީ މުޖުތަމަޢުގެ އެންމެންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އަޚްލާޤީ، ފަރުދީ އަދި ޤައުމީ ޒިންމާއެކެވެ. މިއަދު އަދާކުރާ މި ޒިންމާއަކީ މާދަމާ އެހެން ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަމެއް ލިބުމަށް މަގުފަހިވެ، މުޅި ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުމަށް ވެވޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
އިތުރަށް





.gif.gif&w=828&q=100)