logo
logo
ސްކޭމްތައް މަދުކުރުމަށް ހިންގާ ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ!

ސްކޭމްތައް މަދުކުރުމަށް ހިންގާ ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ!

2026 މާރިޗު 11
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސްކޭމްތައް މަދުކުރުމަށް ހިންގާ ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެއެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއަރ+ III” ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ކަމަށާއި މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ބައިނަލްއަގުވާމީ ފެންވަރުގެ ތިންވަނަ ބޮޑު އޮޕަރޭޝަން ކަމަށް ފުލުހުން ބުންޏެވެ.

ފްރޮންޓިއަރ+ އެލަޔަންސްގައި 13 ގައުމެއް ހިމެނެއެވެ. މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.

މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި، ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމެވެ. މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ، ވަގުތުން ފިޔަވަޅު އެޅުމާއި ޝައްކުކުރެވޭ ބެންކު އެކައުންޓްތަކާއި މަނީ މިއުލްސް ދެނެގަނެ ފައިސާގެ މުއާމަލާތުތައް ވަގުތުން ހުއްޓުވުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި އަލަށް އުފެދޭ ސްކޭމް އުކުޅުތަކާއި ނެޓްވޯކްތަކުގެ މައުލޫމާތު ގައުމުތަކުގެ މެދުގައި ރިއަލް-ޓައިމްކޮށް ބަދަލުކުރުމާއި، ޑޭޓާގެ އަލީގައި މަސައްކަތްކުރުމާއި ސްކޭމްތަކުގެ ފަރުމާ ދެނެގަތުމާއި ކުށްވެރިންގެ އުކުޅުތައް ދިރާސާކޮށް ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގޭ ތަހުގީގުތައް ހަރުދަނާކޮށް ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމެވެ.

މި އޮޕަރޭޝަންގެ ދަށުން، އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް ސްކޭމް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިންގ އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ 2026 މާރިޗު 10 އިން މެއި 7 އަށެވެ. މި މުއްދަތުގައި ހުރިހާ ގައުމަކުން ވެސް ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެއެވެ.

މި އޮޕަރޭޝަންގެ ނަތީޖާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 13 ވަނަ ދުވަހުއެވެ. އަދި މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު އެއް ހަރަކާތް ކަމުގައިވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 20 ވަނަ ދުވަހު ދިވެހި ރާއްޖޭގައެވެ. މި ބްރީފިންގގައި، އެލަޔަންސްގައި ހިމެނޭ ހުރިހާ ގައުމުތަކުން ހާސިލުކުރި ޖުމުލަ ނަތީޖާތަކާއި، ހައްޔަރުކުރެވުނު މީހުންގެ އަދަދާއި، ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް މުޅި ދުނިޔެއަށް ހާމަކުރެވޭނެއެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ، ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.

މި އަހަރުގެ އޮޕަރޭޝަނާއެކު މި މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް