
ބައިނަލްއަޤްވާމީ އަސްކަރީ ޙަރަކާތެއްގައި އެމްއެންޑީއެފްގެ ޝިޕް "ހުރަވީ" ބައިވެރިވެއްޖެ!
ޒައުޖަތު އަޙުމަދުބައިނަލްއަޤްވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެއެވެ.
އެންމެންޑީއެފުން ބުނީ އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ ކަމަށެވެ.
ބައިނަލްއަޤުވާމީ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ޙަރަކާތެކެވެ. މި ޙަރަކާތް ކުރިއަށް ދާނީ މި ފެބުރުއަރީ މަހުގެ 15އިން 25 އަށެވެ.
މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 74 ޤައުމަކުން ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވި އިރު، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ 19 އުޅަނދެއް ހިމެނޭ ކަމަށާއި މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރިންއާއި 60އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު މި ޙަރަކާތުގައި ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ޙަރަކާތުގައި ޤައުމުތަކުގެ އަސްކަރީ އިސްވެރިން، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރުކުރައްވައި ފްލީޓް ބައްލަވައިލެއްވިއެވެ. މި އަހަރުގެ މި އަސްކަރީ ޙަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.
ފްލީޓް ރިވިއު ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަންޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަޑާންޓް ވަނީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ބައިނަލްއަޤުވާމީ މިފަދަ ޙަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށާއި، ބޭރުގެ ޤައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ2026 ފެބްރުއަރީ 14
ޤައުމީ ފުޓްސަލް ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވަނީ 2026 ޖެނުއަރީ 27
ބޯޓު ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ2026 ޖެނުއަރީ 18
މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަނީ2026 ޖެނުއަރީ 18