
ކޮވިޑް 19 ގައި ޕީސީއާރު ޚިދުމަތް ދިން 2 ކުންފުންޏަކަށާއި މަސްއޫލުވެރިންގެ މައްޗަށް ދަޢުވާކޮށްފި
ޒައުޖަތު އަޙުމަދުކޮވިޑް 19 ގައި ޕީސީއާރު ޚިދުމަތް ދިން 2 ކުންފުންޏަކަށާއި މަސްއޫލުވެރިންގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހުން ބުނީ އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފްއާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، މި ދެމީހުންގެ މަޞްލަޙަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ތަޙުޤީޤުކޮށް އެ އޮފީހަށަ ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ދިރާސާކުރުމަށްފަހު ތުޙުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް ދަޢުވާތައް ކުރުމަށް 20 ޖަނަވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މިގޮތުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައި ވަނީ ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާއާއި ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން، ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދަޢުވާއެވެ.
ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައި ވަނީ ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 2 ދަޢުވާއެވެ.
ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް ކޮށްފައި ވަނީ ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާއެވެ.
ޑރ. އިކްލީލް ޝަރީފްއާއި، އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްގެ މައްޗަށް ކޮށްފައި ވަނީ ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދަޢުވާއެވެ.
މީގެއިތުރުން މި މައްސަލާގައި ދަޢުވާލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ ޢަދަދުތަކާއި، ކުންފުނިތަކުގެ އަސްލު ޢާމްދަނީއަށް ބަލައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހިސާބުކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު، މި ދެ ކުންފުނިން -/20،200،401ރ (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް ރުފިޔާ) ގެ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 93 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނައަށްވާ -/40،400،802ރ (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދުމަށް ޤަޞްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދަޢުވާކޮށްފައިވާނީ ދަޢުވާލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދަޢުރަށް ބަލާފައި ކަމަށާއި އެގޮތުން ޑރ. އިކްލީލް ޝަރީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ޙިއްޞާދާރު ކަމަށެވެ. އަދި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްއަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ 50 އިންސައްތަ ޙިއްޞާ އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެއް ކަމަށާއި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީވެސް ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މަޞްލަޙަތު އޮންނަ ކުންފުންޏެއްކަމާއި، ކޮވިޑް ދުވަސްވަރު މި ކުންފުނިތަކަށް ހިންގުމުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަޙުޤީޤަށް ހޯދިފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްއަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތް ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ދަޢުވާލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދެން ޤަޞްދުކުރާ ކަމަށެވެ.
މި ދަޢުވާތަކަކީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައި އޮޅުވާލާފައިވާތީ ކޮށްފައިވާ ދަޢުވާތަކެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރެއްގެ މައްޗަށް 5 ދަޢުވާއެއް ކޮށްފި2026 ޖެނުއަރީ 25
ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި2026 ޖެނުއަރީ 02
ފުރުން މަނާކޮށް ޝަމްޢާން ބަންދުން ދޫކޮށްލައިފި2025 ޑިސެމްބަރު 25
ސިނގިރޭޓް ކޮންޓެއިނާ ވަގަށް ނެގި މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކޮށްފި2025 ޑިސެމްބަރު 16