
ކުދި ޤައުމުތަކުގެ ސިޔާދަތު ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފި
ޒައުޖަތު އަޙުމަދުކުދި ޤައުމުތަކުގެ ސިޔާދަތު ބައިނަލްއަޤްވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ދިވެހިރާއްޖެއިން މިކަމަށް އެދި ގޮވާލާފައި މިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްއެވެ.
މި ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އ.ދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ޤާނޫނަށް އެ ޤައުމުން އިޙްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ޚާއްސަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަޤްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުތުމުގައާ ފަލަސްތީނުގެ ހައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު ދިވެހިރާއްޖެއިން މި ޖަމުޢިއްޔާގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މުހިއްމު 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ޗައިނާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި2025 ޑިސެމްބަރު 25
ޚަލީލުގެ މެސެޖެއް: ނުކުރާންވީ ކަމަކީ ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރިކަހަލަ ކަންކަން!2025 ޖުލައި 22
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ބޭރުގެ ފަރާތްތަކަށް ދެއްވައިފި!2025 މޭ 17
ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ރާއްޖެއިން ކުށްވެރިކޮށްފި!2025 މާރިޗު 08