logo
logo
ތިޔަ އުޅެނީ ވިޔަފާރިއަށް ގެއްލުން ވާނެތީއެއް ނޫން، ތިޔަ އުޅެނީ ޑޮލަރުން ހޯދަމުން އަންނަ އެހެން މަންފާއެއް ހޯދުމުގެ މަގު ބަންދުވާނެތީ !

ތިޔަ އުޅެނީ ވިޔަފާރިއަށް ގެއްލުން ވާނެތީއެއް ނޫން، ތިޔަ އުޅެނީ ޑޮލަރުން ހޯދަމުން އަންނަ އެހެން މަންފާއެއް ހޯދުމުގެ މަގު ބަންދުވާނެތީ !

2024 ނޮވެމްބަރު 14
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ޑޮލަރުން ލިބޭ އާމްދަނީން މިންވަރެއް މާރުކުރަންޖެހޭ ގޮތަށް އެމްއެމްއޭއިން ގަވާއިދެއް އެކުލަވައިލުމުން އިއްޔަ ބައެއް ބޮޑަތި ވިޔަފާރިވެރިން ވަނީ އެ ގަވާއިދަށް ތަބާވެވެން ނެތްކަން މަަރުކަޒީ ބޭންކަށާއި ސަރުކާރަށް އަންގާފައެވެ.

މަރުކަޒީ ބޭންކުން އިއުލާނު ކުރި ގަވާއިދުގައި ބުނަނީ ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. އަދި 50 އެނދަށްވުރެ މަދު އެނދު ހުންނަ ގެސްޓުހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. މި ފައިސާ މާރުކުރަންޖެހޭނީ އެ މަހެއްގައި އައި ޓޫރިސްޓުން ހިސާބުކުރުމަށްފަހު އެ މަސް ނިމޭ ދުވަހުން ފެށިގެން ތިންވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ކަމށްވެސް ގަވާއިދުގައި ބަޔާންކުރެ އެވެ. 

މި ގަވާއިދަށް ތަބާނުވުމަށް ވިޔަފާރިވެރިންގެ ފަރާތުން ފާހަގަކޮށްފައިވަނީ މާ އާރުލާ ވާހަކަތަކެއް ނޫނެވެ. މައިގަނޑު ގޮތެއްގައި ރިސޯޓުތަކުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހުމެވެ. އެ ވިޔަފާރިތަކުން ބުނަނީ އެއީ ވިޔަފާރިތައް ހިނގާ ގޮތުން ކުރަން އުދަނގޫ ކަމެކެވެ.

އެހެންނަމަވެސް ހަގީގަތުގައި މި ގަވާއިދަށް އަމަލުކުރަން ފެށުމުން ވިޔަފާރި ކުރުމަކަށް ދައްޗެއް ނުވާނެކަމާމެދު ހަމަ ގަބޫލުކުރާ މީހުން ދެބަހެއް ނުވާނެއެވެ.ޓޫރިޒަމް ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރަންޖެހުނު ނަމަވެސް އެ ފައިސާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެމްއެމްއޭއިން ހުރަހެއް ނާޅަަ އެވެ. ގަވާއިދުގައި ލާޒިމުކުރަނީ ފަތުރުވެރިކަމުގެ އާމްދަނީ ރާއްޖޭގެ ރަސްމީ މާލީ ނިޒާމަށް އެތެރެކުރުމެވެ. އެތެރެކުރުމަށްފަހު ވަކި މުއްދަތަކަށް އެ ނިޒާމުގެ ތެރޭގައި ބެހެއްޓުން ލާޒިމުނުކުރެ އެވެ.  އިންވެސްޓަރުންނަށް ވިޔަފާރިން ލިބޭ ފައިދާ ބޭރަށް ގެންދިއުމަށް ހުރަހެއް ނެތެވެ. ރަސްމީ މާލީ ނިޒާމުގެ ތެރެއިން އެކަން ކުރުމަށް އެެއްވެސް ހުރަހެއް ނެތެވެ.

ފަތުރުވެރިއެއްގެ ބޮލަކަށް 500 މާރުކުރަންޖެހެނީ އެ ފަތުރުވެރިން އައި މަހުގެ ކޭޝް ފްލޯއިންނެއް ނޫނެވެ. ގަވާއިދުގައި ކޮންމެ މަހަކު އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ މީހެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށް ބަޔާންކުރި ނަމަވެސް ތިން މަސްދުވަހުގެ މުއްދަތެއް ޑޮލަރު މާރުކުރުމަށް ދީފައި އޮވެ އެވެ. އެހެންކަމުން އެ މަހެއްގައި ލިބުނު އާމްދަނީއަކާ މާރުކުރުމަކާ ގުޅުމެއް ނެތެވެ. މާރުކުރަންޖެހެނީ ތިން މަހުގެ ކޭޝް ފްލޯއިންނެވެ. އެ ސަބަބަށްޓަކައި މާރުކުރަންޖެހޭ އަދަދު ރިސޯޓަށް ލިބުނު އާމްދަނީއަށްވުރެ އިތުރުވުމުގެ މައްސަލައެއް ކުރިމަތިނުވާނެ އެވެ.

ތަފާސްހިސާބުތަކަށް ބަލާލާއިރު ނިމިދޔަ 2023 ވަނަ އަހަރު 4 ބިލިއަނަށްވުރެ ގިނަ ޑޮލަރު ރާއްޖެއަށް ވަދެފައިވީނަމަވެސް ރަސްމީ މާލީ ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3 އިންސައްތަކަން ފާހަގަ ކޮށްލެވެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިިތުރުވަމުން އަންނަ އިރުވެސް ޑޮލަރުގެ ތާށިކަން މިއޮންނަނީ އަބަދުވެސް ރާއްޖެއަށް ކުރިމަތިވެފައެވެ. މިކަން ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ބޭރު ފައިސާގެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުވުން ލާޒިމުކުރުން ކަމާމެދު ދެބަސްވާނެ ފަރުދަކު ނުހުންނާނެއެވެ.

ޑޮލަރު ތާށިކަން ހައްލުކޮށް ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ މަގު ސަރުކާރުން ކޮށާދިނުމުން އެކަމާ ދެކޮޅަށް ބައެއް ވިޔަފާރިވެރިން އަދި ސިޔާސީ މީހުން ނިކުތުމުން ދޭހަވަނީ އެންމެ ކަމެކެވެ. އެބޭފުޅުން އެއުޅުއްވަނީ ވިޔަފާރިއަށް ގެއްލުން ވާނެތީއެއް ނޫނެވެ. އެ އުޅުއްވަނީ ޑޮލަރުން ހޯދަމުން އަންނަ އެހެން މަންފާއެއް ހޯދުމުގެ މަގު ބަންދުވާނެތީއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް