logo
logo
ސިނގިރޭޓް ވައްކަމާއި ގުޅިގެން ހައްޔަރުކުރި 7 މީހަކު އަދިވެސް ތިބީ ބަންދުގައި

ސިނގިރޭޓް ވައްކަމާއި ގުޅިގެން ހައްޔަރުކުރި 7 މީހަކު އަދިވެސް ތިބީ ބަންދުގައި

2025 ޑިސެމްބަރު 12
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސިނގިރޭޓް ވައްކަމާއި ގުޅިގެން ހައްޔަރުކުރި 7 މީހަކު އަދިވެސް ތިބީ ބަންދުގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން ބުނެފިއެވެ.

މި މައްސަލާގައި ހިމެނޭ ބައެއް މީހުން އިއްޔެ ބަންދުން ދޫކޮށްލާފައިވާއިރު އޭގެތެރޭގައި މަޝްހޫރު 2 ވިޔަފާރިވެރިން ކަމުގައިވާ މުޙައްމަދު ވަޙީދު (ދިގަލި) އަދި އަޙުމަދު އާރިފް (އާއްޓޭ) ހިމެނެއެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ 26 އެޕްރީލް 2025 ދުވަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި 11 (އެގާރަ) މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި 3 ޑިސެންބަރު 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ އޮފީހުން ގެންދަނީ ކުރަމުން ކަމަށާއި އަދި ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. 

"ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މި އޮފީހުން މިއަދު ވާނީ މުރާޖަޢާކޮށްފައެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޕީޖީން އެދުނުގޮތަށް އެ މީހުންގެ ބަންދާމެދު ކޯޓުން ގޮތް ނިންމަވާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެއިތުރުން ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފަކީ މި މައްސަލަ ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖަޢާކުރަންޖެހޭ ޙާލަތެއް ނެތް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

"އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީއެވެ. އެ މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެއެވެ. ސަބަބަކީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީއެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު މި އޮފީހުން މުރާޖަޢާކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް