logo
logo
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!

ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!

2025 ނޮވެމްބަރު 26
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަކީ ފުލުހުންގެ ހައުސިން ޕްރޮޖެކްޓް ކަމަށްވާ ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

މި ބައްދަލުވުން ސިއްރުކޮށްގެން ގެންދިޔައީ ޤައުމީ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެއެވެ. މި ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުމަށް ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާއީދުކުރެއްވިއެވެ. ކޮމިޓީ ސިއްރުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ބައްދަލުވުމުގައި ވަނީ، ނަވީން ހިމެނޭ ގޮތަށް އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން މަޖިލީހަށް ލަަފާދޭން ފާސްކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ 7 އޮފިސަރުން ސަސްޕެންޑުކުރަން މާލިއްޔަތު ކޮމިޓީން ލަފާދެނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އެ ބޭފުޅުން އަމަލުކުރެއްވި ކަމަށް ތުހުމަތު ކޮށެވެ.

ސަސްޕެންޑް ކުރަން ނިންމާފައިވާ ހަތް އޮފިސަރުންނަކީ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން، އެސިސްޓެންޓް ކޮމިޝަނަރު މޫސާ ޢަލީ، އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޢަބްދުއްރަޙްމާން، އެސިސްޓެންޓް ކޮމިޝަނަރު މުޙައްމަދު ރަޝީދު، އެސިސްޓެންޓް ކޮމިޝަނަރު މުޙައްމަދު ބަޝީރު، އެސިސްޓެންޓް ކޮމިޝަނަރު މުޙައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އިސްމާޢީލް ޝަމީމް އާދަމްއެވެ.

ދާއޫދުގެ މައްޗަށް މީގެ ކުރިން ކޮމިޓީގައި ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން އުފެއްދި ޚާއްސަ ސަބް ކޮމިޓީގައި، މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް