logo
logo
ގުޅީ ބިންހިއްކާ ނިމުމަކީ، ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް: ރައީސް

ގުޅީ ބިންހިއްކާ ނިމުމަކީ، ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް: ރައީސް

2025 ނޮވެމްބަރު 12
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުމަކީ، ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ އެ މަސައްކަތް ނިންމާފައި ވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންގުޅީގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން، ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމުގެ މަގުފަހިކޮށްދެއްވަމުން ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއިކޮށްފައެވެ. މި މަޝްރޫޢުވެސް، ބިންހިއްކުމުގެ މަޝްރޫޢު ފަދައިން ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގުޅީގެ ރައްޔިތުންނަށް ދެއްވާފައެވެ.

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މުއްދަކީ 530 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު އަދި ނެރު ފުންކުރުން، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް އެޅުން ހިމެނެއެވެ.

ހަމަ މިއާއެކު، ފަތުރުވެރިކަމަށް ކ. ގުޅިން ދޫކޮށްފައިވާ ބިމާ ގުޅިގެން އުފެދިފައިވާ މައްސަލައަށް، ރައްޔިތުން އެދޭ ހައްލު ހޯއްދަވައިދެއްވާނެ ކަމަށާ، އެކަން ކުރައްވާނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން، ދަޢުލަތަށްވެސް ބުރަނުވާ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅީގެ ތަރައްޤީއަށް ކުރަންހުރި ކަންކަމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ ކަންތައްތަކެއް ކަމަށާ، ހަމަ މިފަދައިން ރާއްޖޭގެ ކޮންމެ ރަށެއްގައި ކަންކަން ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެވީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެންނެވެ. 630 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ ނިމުން ފާހަގަކުރެވިގެންދިޔައިރު ގުޅިއަށް 10.15 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން ނިންމަވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި ޖެހުން ހިމެނެއެވެ.

މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވަނީ ގުޅި ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް