logo
logo
ބޭރުގައި ޑެބިޓު ކާޑުން ކެޑޭ ލިމިޓް 1,000 ޑޮލަރަށް ބޮޑުކޮށްފި

ބޭރުގައި ޑެބިޓު ކާޑުން ކެޑޭ ލިމިޓް 1,000 ޑޮލަރަށް ބޮޑުކޮށްފި

2025 ނޮވެމްބަރު 10
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މާދަމާ އިން ފެށިގެން ބޮޑުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބޭނުން ކުރެވެނީ 250 ޑޮލަރެވެ. އެ އަދަދު މިިދިޔަ ޖުލަ މަހުން ފެށިގެން މަހަކު 500 ޑޮލަރަށް ބޮޑުކުރިއެވެ.

އަލަށް ގެނައި ބަދަލާއެކު، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރުވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން މިއަދު ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) %2.5 އިން %1އަށް ވަނީ ކުޑަކޮށްފައެވެ.

ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް ބޭރުގައި ކުރާ ހަރަދުތައް ރާވާލުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ބަދަލުތަކަކީ ބޭރުގެ މުޢާމަލާތްތަކާ ގުޅޭ އުސޫލުތައް ބޭންކުން އަބަދުވެސް މުރާޖަޢާކުރަމުންދާ ގޮތުގެ ތެރެއިން ގެނެވުނު ބަދަލުތަކެއް ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް