logo
logo
ކުރިން ބުނީ އަމިއްލަ ކުންފުނިތަކަށް މަޝްރޫޢުތައް ދޭށޭ!

ކުރިން ބުނީ އަމިއްލަ ކުންފުނިތަކަށް މަޝްރޫޢުތައް ދޭށޭ!

2025 ނޮވެމްބަރު 08
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިން ބުނަމުން އައީ މަޝްރޫޢުތައް ސަރުކާރު ކުންފުނިތަކާއި ހަވާލުކުރަމުން އަންނަ ކަމަށާ އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތައް އިނދަޖެހިއްޖެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަރަށް ރަނގަޅު މަޤްޞަދެއްގައި މިހާޜު ވަނީ ގިނަ ޕްރޮޖެކްޓްތަކެއް އަމިއްލަ ގިނަ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އިދިކޮޅު ފަރާތްތަކަށް މި ގޮތެއް ވެސް ކަމަކު ނުދިޔައެވެ. އެވެނި ކުންފުންޏަކަށް މިވެނި ކުންފުންޏަކަށް މިވެނި މަޝްރޫޢެއް ދިނީ ޕާޓީގެ މެމްބަރުގެ ކުންފުނި ވީމައޭ، މަޖިލީސް މެމްބަރުގެ ކުންފުނި ވީމައޭ ބުނެ ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުކުރަމުންނެވެ.

ކޮންމެއަކަސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ޕްރޮޖްކެޓުތައް ސަރުކާރުގެ ކުންފުނިތަކާއި ހަވާލު ކޮށްފައެވެ. މިމަހުގެ 6 ވަނަ ދުވަހު ސަރުކާރުން ވަނީ އަމިއްލަ 53 ކުންފުންޏަކާއި މަޝްރޫޢުތައް ހަވާލު ކޮށްފައެވެ. މިއީ އެއްފަހަރާ މިހާ ގިނަ މަޝްރޫޢުތަކެއް ދިވެހި އަމިއްލަ ކުންފުނިތަކާއި ހަވާލުކުރި ފުރަތަމަ ފަހަރެވެ.

އެގޮތުން ސަރުކާރުގެ އެކި ވުޒާރާތަކުން ހަވާލުކުރި މަޝްރޫއުތަކުގެ އަދަދާއި އަގުތައް:

* އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ 13 މަޝްރޫއު: 997.3 މިލިއަން ރުފިޔާ
* އެޑިއުކޭޝަން މިނިސްޓްރީގެ 26 މަޝްރޫއު: 397.2 މިލިއަން ރުފިޔާ
* ޓޫރިޒަމް/އެންވަރަމެންޓު މިނިސްޓްރީގެ 24 މަޝްރޫއު: 204.2 މިލިއަން ރުފިޔާ
* ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ 39 މަޝްރޫއު: 114.9 މިލިއަން ރުފިޔާ
* ހެލްތު މިނިސްޓްރީގެ 30 މަޝްރޫއު: 312.2 މިލިއަން ރުފިޔާ
* ފިޝަރީޒް މިނިސްޓްރީގެ 2 މަޝްރޫއު: 131.8 މިލިއަން ރުފިޔާ
* އިސްލާމް މިނިސްޓްރީގެ 14 މަޝްރޫއު: 196.4 މިލިއަން ރުފިޔާ
* ސްޕޯޓްސް މިނިސްޓްރީގެ 52 މަޝްރޫއު: 197.2 މިލިއަން ރުފިޔާ
* ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 5 މަޝްރޫއު: 114.5 މިލިއަން ރުފިޔާ
* ޔޫތު މިނިސްޓްރީގެ 1 މަޝްރޫއު: 40 މިލިއަން ރުފިޔާ

ދިވެހި ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމާއި، އުމްރާނީ އަދި އިޤްތިޞާދީ ގޮތުން ޤައުމު ބިނާކުރުމަށް ހިންގޭ މިފަދަ މަޝްރޫޢުތައް ހިންގުމުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުމަކީ، ޤައުމީ އިޤްތިޞާދު ވަރުގަދަވެ، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ މުހިންމު ކަމެކެވެ.

ހަމައެހެންމެ މަޝްރޫޢުތައް ދިވެހީންގެ އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ސަބަބުން ކުންފުނިތަކަށް އަމިއްލަ ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތު ލިބި، ތަޖުރިބާ ހޯދައި، ޤައުމީ ތަރައްޤީގައި އިސް ދައުރެއް އަދާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

މަޝްރޫޢުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޟަމީރު ވިދާޅުވީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

މާލީ ވަޒީރު ވިދާޅުވީ ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އިސްކަން ދެއްވާ ކަމަށާ ދިވެހި ކުންފުނިތަކާއި މަސައްކަތްތައް ހަވާލުކުރަނީ ވެސް އެ މަޤްޞަދުގައި ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރުގެ ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށް ރާއްޖޭގެ މާލީ ނިޒާމު ބޭރުކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިކަން ބަދަލުކުރުމަށް މާލީ ވުޒާރާއިން މިހާރު ވާނީ ރިއެލް އެސްޓޭޓް ސިނާޢަތާއި ގުޅޭ ކޮންޓްރެކްޓަރުންނާއި ސްޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަން ދިނުމަށް ދައުލަތުގެ ހިއްސާ އޮތް ކަމާއިބެހޭ ކުންފުނިތަކަށް އަންގާފައއިވާ ކަމަށާ ނޭޝަނަލް ޓެންޑަރ ބޯޑުންނާއި މަސްއޫލުވެރި ފަރާތްތަކަށް ވާނީ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެތައް 100 ކޮންޓްރެކްޓެއް ހަވާލުކޮށްފައި ކަމަށެވެ.

މާލީގޮތުން ގެނެވޭ މިފަދަ ބަދަލުތަކާއެކު ސަރުކާރުގެ އަމާޒަކީ، ޓެކްސް ދައްކާ ދިވެހި ކުންފުނިތައް ނަގާ ކޮޅަށް ޖަހައި އެކުންފުނިތައް އައު އުސްމިންތަކަށް ގެންދިއުން ކަމަށާ އަދި މިކަމުންވެސް ދައްކުވައިދެނީ ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އިސްކަން ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބުކުރުމުގައި ކޮންމެވެސް ގޮތަކުން ބޭރު ކުންފުނިތަކުން ޑޮމިނޭޓް ކުރާކުރުން ނިމުމަކަށް ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށާއި ޤަވާޢިދުތަކާއި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަން އަޅުގަނޑުމެން ގެންނަވާނެ ކަމަށާ އެވޯޑު ކުރުމުގައި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަންވެސް ކުރައްވާނެ ކަމަށާ ދިވެހި މަސައްކަތްތެރިންނަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ފަހިކަން ދޭންޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ޚާއްޞަކޮށް، ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބު ކުރާ ގިނަ ކުންފުނިތަކަކީ ބޭރުގެ ކުންފުނިތަކަށްވެފައި އޮތުމުންނެވެ. ސްކޫލް ކްލާސްރޫމް ހެދުމާއި ސިއްޙީ މަރުކަޒުތައް ބިނާކުރުމާއި ހައުސިން ޔުނިޓުތައް އެޅުން ކަމަށްވިޔަސް ގިނަ މަޝްރޫއުތައް ކާމިޔާބު ކުރަމުން އައީ ބޭރުގެ ކުންފުނިތަކުންނެވެ. އެކަން ބަދަލުކޮށް ދިވެހި ކުންފުނިތަކަށް ފުރުސަތުތައް އިތުރުކޮށްދިނުމަކީ އެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަމިއްލަ ކުންފުނިތަކުން އެދެމުން އައި ކަމެކެވެ.

މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސޮއި ކުރެވިގެން ދިޔައީ އެއްވެސް ކަހަލަ ޕޭމަންޓުގެ ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ކަމަށާއި އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެގޮތަކަށް މަސައްކަތްތައް އެއްބަސްވުމުގައި ވާގޮތަށް ކުންފުނިތަކުން ކުރަމުންގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެ ކަމަށާއި ބޭނުންވަނީ އާންމު ފަރުދުން މުއްސަނދިކޮށްދީ އާންމު ފަރުދުންނަށް މިފަދަ މަޝްރޫޢުތައް ލިބުމުން އެ މަޝްރޫއުގެ ތެރެއިން އަންނަ ޗެއިންގެ ތެރެއިން ލޮޖިސްޓިކް ޗެއިންގެ ތެރެއިން، މެޓީރިއަލް ޗެއިންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން މިހުރިހާ ދިމާލަކުން މި މަސައްކަތްތައް ފޭދިގެންދާއިރު އެތައް ބަޔަކަށް ފައިދާވާނެ ކަމަށް އެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޮންމެއަކަސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މި މަތިވެރި މަޤްޞަދުގައި އަމިއްލަ ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކުރުމުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާންޖެހޭ ސަބަބެއް ހަމަ ނުވިސްނުނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް