
ޗެންޕިއަންސް ލީގު: ވަރުގަދަ އެތްލެޓިކޯ މެޑްރިޑް އަތުން އާސެނަލް އަށް ފަސޭހަ މޮޅެއް!
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިނގިރޭސި ކްލަބު އާސެނަލުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ތަފާތު ބޮޑުކޮށް ބަލިކޮށްފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ކުރީކޮޅު ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އާސެނަލަށް ލިބި ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ އެއްވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް އާސެނަލުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެފައިވާއިރު، މެޗުގެ 57 ވަނަ މިނެޓުގައި ޑިކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތަކުން ގެބްރިއެލް ވަނީ ގޯލެއް ކާމިޔާބުކޮށް އާސެނަލަށް މެޗުގެ ލީޑު ނަގައިދީފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ލެވިސް ކެލީ ތަނަވަސްކޮށްދިން ފުރުސަތަކުން ގެބްރިއެލް މާޓިނެލީ އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވާއިރު، އޭގެ ތިން މިނެޓު ފަހުން ވިކްޓަރ ގިޔޮކްރޭޝް ވަނީ އިތުރު ގޯލެއް އާސެނަލްއަށް ކާމިޔާބުކޮށްދީފައެވެ.
އާސެނަލަގެ ހަތަރުވަނަ ލަނޑު މެޗުގެ 70 ވަނަ މމިނެޓުގައި ކާމިޔާބުކޮށްދިނީވެސް ވިކްޓަރ ގިޔޮކްރޭސް އެވެ.
މި ނަތީޖާއާއެކު އާސެނަލް އިން ވަނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ ނުވަ ޕޮއިންޓް ހޯދައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
