logo
logo
ޗެލްސީއިން ބާސެލޯނާ "ހަމަބިމަށް" ތިރިކޮށްފި

ޗެލްސީއިން ބާސެލޯނާ "ހަމަބިމަށް" ތިރިކޮށްފި

2025 ނޮވެމްބަރު 26
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީން ވަރުގަދަ ބާސެލޯނާ "ހަމަބިމަށް" ތިރިކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 3-0ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ފުރަތަމަ ގޯލު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 27 ވަަނަ މިނެޓުގައެވެ. މިއީ ބާސެލޯނާގެ ޖޫލްސް ކޮންޑޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ބާސެލޯނާއަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މި ގޮތުން ލަމީން ޔަމާލް ދިން ޕާހަކުން ފެރަން ޓޮރޭޒް ގޯލު ކުރިމަތިން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ބާސެލޯނާ އަށް މި މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމުގެ ކެޕްޓަން ރޮނަލްޑް އަރައުހޯ އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ދެވަނަ ހާފު ފެށި ބާސެލޯނާ ކޮޅަށް ޗެލްސީން އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމުގެ ޒުވާން ތަރި އެސްޓަވާއޯއެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިން ވަނަ ގޯލު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އެންޒޯ ފާނެންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލިއަމް ޑެލަޕްއެވެ.

މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފައެވެ. ބާސެލޯނާ އަށް ފަސް މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް