logo
logo
ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށްލަނީ

ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށްލަނީ

2025 އޮކްޓޯބަރު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށްލާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުގެ ނަމުގައި އެ ފަރާތްތަކުން ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން 2025 ޖޫން 16 ވަނަ ދުވަހު އާއްމުކުރައްވާފައިވާ އިޢުލާނު ނަންބަރު: (IUL)10-DOFL/10/2025/86 އިން އަންގަވާފައިވާގޮތަށް އަދާހަމަކޮށްފައި ނުވާކަމަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

މިގޮތުން މިހާތަނަށް 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑްތަކުން ފާހަގަކުރެވޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކޮށްފައިނުވާ ނަމަ، 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެފަދަ ބިދޭސީންގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކުރުމަށް އެދިފައެވެ.

މިމުއްދަތުގެ ތެރޭގައި ކުރިއެކޭވެސް އެއްގޮތަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮކް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

"އަދި ދަންނަވަމަވެ. މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށް، އެ ބިދޭސީންނާމެދު ޤާނޫނު ނަންބަރު 2007/01 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެކަމާއި އަދި އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް  ޤާނޫނު ނަންބަރ 02/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ ދަށުން 50،000ރ (ފަންސާސް ހާސް ރުފިޔާ) ގެ މަގުން ޖޫރިމަނާކޮށް، ޤާނޫނު ނަންބަރު 2007/01 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެކަން އާއްމުކޮށް އަންގައި އިޢުލާނު ކުރަމަވެ." އެ ވުޒާރާގެ އިޢުލާނުގައި ބުނެފައިވެއެވެ.

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނަންބަރު 1485 ނުވަތަ 7690228  އަށް ގުޅުއްވައިގެން ނުވަތަ xpat@mohst.gov.mv އަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް