ފާޑުކިޔުން އަމާޒުވިޔަސް، ސަރުކާރުގެ ސިޔާސަތުތަކުން ވާނީ ފައިދާ: ނާޒިމް
ފާޑުކިޔުން އަމާޒުވިޔަސް ސަރުކާރުގެ ސިޔާސަތުތަކުން ކުރާނީ ފައިދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވެ ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ މިއަދު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދިއްގަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، ހުއްޓިފައި ހުރި އެތައް މަޝްރޫއެއް ހަރުދަނާ ސިޔާސަތުތަކާއެކު ފަށައި، އައު މަޝްރޫޢުތައް ފެށުމަށް ސަރުކާރުން މަގުފަހިކުރަމުންދާ ކަމަށާ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އޮތް މާލީ ދަތިކަމުން އަރައިގަނެ، މަޝްރޫޢުތައް ފެށިގެން ދިއުމުން މިއީ ނަތީޖާ ހާސިލުކޮށްދޭނެ ސަރުކާރެއްކަން ސާބިތުވާ ކަމަށެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ހައްލުނުވެ އޮތް އިޖުތިމާޢީ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައްވާ ނާޒިމް ވިދާޅުވީ މީގެ ކުރިން ހައްލުނުވެ އޮތް އިޖުތިމާޢީ އެތައް މައްސަަލައެއް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާ އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބީދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމާއި ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އިޖުތިމާޢީ އެކި ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުންވެސް ނިންމަވަމުން ގެންދަވަނީ އުނދަގޫ ނިންމެވުންތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނިންމުމުން ފާޑުކިޔުންތައް އަމާޒުވާ ކަމަށާއި ނަމަވެސް މިއިން ކޮންމެ ކަމަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ އިތުރުން އޭގެ ފައިދާ ފަހުން ޤައުމަށްކުރާނެ ނިންމެވުންތަކެއްކަމަށެވެ.
މަޖިލީހުން ނިންމި ބައެއް މުހިއްމު ނިންމުންތައް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ޑޮލަރާއި މަސްތުވާތަކެއްޗާ ގުޅޭގޮތުންނާއި މިފަހު މީޑިއާ ބެހޭގޮތުން ނިންމި ނިންމުންތަކަކީ މުޖުތަމަޢެއް މުޖުތަމަޢެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ނިންމަންޖެހުނު ނިންމުންތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ.

.gif.gif&w=828&q=100)



