logologologologo
STO
ޚަބަރު

އުސޫލާ ހިލާފަށް ބޭނުންކުރާތީ "މީޑިއާ ފެންޑާ" އުވާލަން ނިންމައިފި

އުސޫލާ ހިލާފަށް ބޭނުންކުރާތީ "މީޑިއާ ފެންޑާ" އުވާލަން ނިންމައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 ސެޕްޓެމްބަރު 14

އުޞޫލާ ޚިލާފަށް ބޭނުންކުރާތީ ރައީސުލްޖުމްހޫރިއްޔާ އޮފީސް ކުރިމަތީގައި ހުޅުވި މީޑިއާ ފެންޑާ އުވާލައިފިއެވެ.

މި އަހަރުގެ މޭ 29 ގައި ހުޅުވި "މީޑިއާ ފެންޑާ"އަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ހޯދައި މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރިން ތިބުމަށް ހާއްސަ ކޮށްގެން ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ހެދި ތަނެކެވެ.

ރައީސް އޮފީހުން ވިދާޅުވީ އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެތަން ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

އެ އޮފީހުން ބުނީ ގްރީންޒޯނުގައި ހުންނަ އެ ތަނުގެ އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުންދިއުމުގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ އޮފީސްތަކަށް ހިދުމަތް ހޯދަންދާ މީހުންނަށް ދަތިވާ ކަމަށެވެ.

މީގެ އިތުރުން ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާއްމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމަށްވެސް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

އެ އޮފީހުން ބުނީ އެ ތަން އުފެއްދި ބޭނުމާ އެއްގޮތަށް ފާއިތުވި ތިން މަހު ބޭނުން ނުކުރާތީ އެ ތަން އުވާލީ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ކަވަރު ކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރިންނަށް އެހެން ގޮތަކަށް ހަމަޖައްސާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

MALDIVE GASAllied Insurance
އިތުރަށް