މާރިޗު މަހުގެ 9ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ސަރުކާރު ބަންދުވާނެ

އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
އެއީ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމާ ގުޅިގެން ބަންދުކުރާ ދުވަސްތަކެކެވެ.
އެހެންކަމުން މާރިޗު 9ވަނަ ދުވަހަކީ ރަމަޟާން މަހުގެ 20ވަނަ ދުވަހާ ދިމާވާ ދުވަސްކަމުން، މިއީ ރަމަޟާން މަހުގެ އެންމެ ބަރަކާތުން ފުރިގެންވާ ދުވަސްތަކަށް މަރުޚަބާ ކިއުމުގައި މަސްއޫލުވުމަށް ބާރުއެޅުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ޚާއްޞަ ލުޔެކެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި އެކަމާ ގުޅޭ ރަސްމީ ދެންނެވުން ރައީސް އޮފީހުން އާންމު ކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރި 4ގައެވެ.
އެގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެ އޮފީހުން ވިދާޅުވީ ރޯދަ މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށް ވެސް ދަންނަވާ ކަމަށެވެ.
ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދޭނެ ގޮތުގެ މަޢުލޫމާތު، އެ މުއައްސަސާތަކުން ޚިއްޞާ ކުރާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.
މި ބަންދަށްފަހު ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ ފިޠުރު ޢީދުގެ ވެސް ފަހުން، މާރިޗު 23ވަނަ ދުވަހުއެވެ.
އިތުރަށް





.gif.gif&w=828&q=100)
