logo
logo
ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން މަަސައްކަތް ކުރެވޭނެ ގޮތަށް ޤަވާޢިދު ބަދަލުކޮށްފި!

ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން މަަސައްކަތް ކުރެވޭނެ ގޮތަށް ޤަވާޢިދު ބަދަލުކޮށްފި!

2025 އޯގަސްޓު 31
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނުބުރުގާ އަޅައިގެން މަަސައްކަތް ކުރެވޭނެކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަނޑައަޅައިފިއެވެ.

ޑީޖޭއޭއިން ޤަވާޢިދު މިގޮތަށް އިޞްލާޙުކޮށްފައި މިވަނީ އިސްލާމް ދީނާ ޚިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ޤަވާޢިދެއް އޮތް ނަމަ، އެ ބަދަލު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ޑީޖޭއޭއިންް އިޞްލާޙު ގެނެސްފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީ ވާން ޖެހޭ ޚިދުމަތަކަށްވެފައި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތްތަކަށް އެމީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ފަދަ ގޮތަކަށް ކަމަށެވެ.

މިއަދު ގެނައި އިޞަލާޙުގައި ވަނީ "މި މާއްދާގައު މިހެން އޮތް ނަމަވެސް، ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުން މި މާއްދާގެ (ހ) އިން ހުރަހެއް ނާޅާ" ކަމަށެވެ.

އެހެން ނަމަވެސް މަސައްކަތުގެ މާހައުލުގެ ތެރެއިން މިފަދަ ހެދުން އަޅާ މުވައްޒަފުންނަކީ ކާކުކަން، ކަށަވަރުނުވެއްޖެނަމަ، އެފަދަ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް އިޞްލާޙުގައި ބުނެފައިވެއެވެ.

މީގެ ކުރިން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ފުރުޞަތު އޮތީ ހަނިކޮށެވެ. މިގޮތުން މީގެ ކުރިން މިފަދަ ކަންކަމުގައި ވަޒީފާއިން ވަކިކުރުމާާއި އަދި ވަޒީފާ ދިނުންވެސް ހުއްޓުވާފައި ވެއެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުދައްރިސުންނަށް ވެސް މޫނު ބުރުގާ އެޅުން، 2022 ވަނަ އަހަރު އޭރުގެ ތަޢުލީމީ ވުޒާރާއިން މަނާކުރިކަން ފާހަގަ ކުރެވެއެވެ. އެފަހަރު ތަޢުލީމީ ވުޒާރާއިން ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޓީޗަރުން ކުލާހުގައި ކިޔަވައިދޭ ގަޑީގައި ހުންނަންވާނީ މޫނު ފޮތިކޮޅު ނަގައި ކާކުކަން އެނގޭ ގޮތަށް ކަމަށެވެ. މި ސާކިއުލާއާއި ގުޅިގެން މޫނު ބުރުގާ އަޅާ ބައެއް މުދައްރިސުން އެގޮތް ޤަބޫލުނުކޮށް ވަޒީފާއިން ވަކިވިކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް