logo
logo
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ބޭރުގެ ފަރާތްތަކަށް ދެއްވައިފި!

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ބޭރުގެ ފަރާތްތަކަށް ދެއްވައިފި!

2025 މޭ 17
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަން ދަމަހައްޓާނެކަމަށާއި ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ކޮމަންވެލްތަށާ ބައިނަލްއަޤްވާމީ އެކިފަރާތްތަކަށް، ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ދެއްވައިފިއެވެ.

މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވެފައިމިވަނީ، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު މަޤާމުން ވަކިކުރުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ބައިނަލްއަޤްވާމީ ފަރާތްތަކާ އެ މަޢުލޫމާތު ހިއްސާކުރަމުންގެންދާ ގޮތާއި ގުޅިގެންނެވެ.

ވަޒީރު ޑރ.ޚަލީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ވަކިކޮށްފައިވަނީ ކުރި ތަޙުޤީޤަށް ފަހުކަމަށާ އިދިކޮޅު ފަރާތްތަކުން މިމައްސަލައިގެ ޙަޤީޤަތް އޮޅޭގޮތަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރަމުންދާކަމަށެވެ.

އިދިކޮޅު ފަރާތްތަކުންސް ޒިންމާދާރު ކަމާއިއެކު ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ހާމަކޮށްދެއްވުމަށް ވަޒީރުގެ މެސެޖްގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެގޮތުން އެއްވެސްކަމެއް ނުކުރައްވާނެކަމަށެވެ. ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށާއި، އެކަން މިސަރުކާރުން ކުރައްވާނެކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

 

 

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު މަގާމުން ވަކިކޮށްފައިވަނީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ޝަރީޢަތަކަށް ނުފޫޒުފޯރުވިކަމުގެ ތުހުމަތުކުރެވި ސުލޫކީ މައްސަލައެއްގެ ގޮތުގައި މައްސަލަ ބެލުމަށްފަހު، ތުޙުމަތުތައް ސާބިތުވެ އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން ކޮމިޓިން އެމައްސަލަ ބަލައި ތަޅުމަށް ހުށަހަޅައި ފާސްކުރުމުންނެވެ.

މެއި 14 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.

ފަނޑިޔާރު އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ޤާޟީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ތުޙުމަތުކުރާ މައްސަލައިގައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް