
އެމްއެންޔޫގެ ލައިބްރަރީ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް
2025 އޯގަސްޓު 28
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ލައިބްރަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ބާއްވަން އެ ޔުނިވަސިޓީން ތައްޔާރުވެއްޖެ އެވެ.
އެމްއެންޔޫގެ ލައިބްރަރީ ދުވަސް ފާހަގަކުރަނީ އެ ޔުނިވަސިޓީގެ އަހަރީ ދުވަސް ކަމަށްވާ 1 ސެޕްޓެމްބަރާ ގުޅުވައިގެންނެވެ. މި އަހަރުގެ ލައިބްރަރީ ދުވަހުގެ ތީމަކީ ރެޓްރޯ ތީމެވެ.
އެ ތީމްގެ ދަށުން، 1970، 1980 އަދި 1990ގެ އަހަރުތަކުގެ ހަނދާންތައް އާކޮށްދޭ ހަރަކާތްތަކެއް ހިމަނާފައިވާނެ ކަމަށް އެމްއެންޔޫން ބުންްޏެވެ.
ލައިބްރަރީ ދުވަހަށް އިންތިޒާމްކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި:
- ރާގު ދެނެގަތުން: 1970 އަދި 1980ގެ ދިވެހި، ހިންދީ އަދި އިނގިރޭސި ލަވަތަކުގެ ރާގު އިއްވުމުން އެއީ ކޮން ލަވައެއްކަން ބުނެދިނުން
- ހަނދާނީ ފޮޓޯ ބޫތު: އެ ޒަމާނުގެ ސާމާނު ރަމްޒްކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮޓޯ ބޫތުގައި ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން
- ސްނޭކް އެންޑް ލެޑާ: ހަރުފަ ކާލާއަކީ އެ ޒަމާނުގައި އެންމެ ފޯރީގައި ކުޅެއުޅުނު ކުޅިވަރަކަށް ވާތީ އެ ކުޅިވަރު ތަޖުރިބާކޮށްލުމަށް ފުރުސަތު
- ހަނދާން އެބަހުރި: ކުރީ ޒަމާނުގައި ބޭނުންކުރި ތަކެތީގެ ތަސްވީރު ދެއްކުމުން އޭގެ ނަން ބުނެދިނުން؛ އެގޮތުން، ދިވެހިން އާންމުކޮށް އެ ޒަމާނުގައި ބޭނުންކުރި ތަކެތީގެ ތެރެއިން މިހާރަކަށް އައިސް ނުފެންނަ ތަކެތީގެ ތަސްވީރުގެ އެގްޒިބިޝަނެއް ނަން ދަސްކުރުން
- ކުލަ ފުޅި ތަރުތީބު ކުރުން: ފޮރުވާފައިވާ ކުލަފުޅި ސެޓަކާއި އެއްގޮތަށް ކުލަފުޅި ތަރުތީބު ކުރުން
- ކެރަމް ބޯޑު ކުޅުން: މިއީ ވެސް ކުރީ ޒަމާނުގައި ވަރަށް މަޝްހޫރުވެގެން ގިނަ ބަޔަކު ކުޅުނު ކުޅިވަރަކަށް ވާތީ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު
ލައިބްރަރީ ދުވަސް ފާހަގަ ކުރާއިރު، އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުން އަދި އާއިލާގެ އެންމެންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ޔުނިވަސިޓީން ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

