ޖަލުތަކުން އުކާލާ ކުނިން ގަސްކާނާ ތައްޔާރުކުރަން ޤައިދީންނަށް ދަސްކޮށްދެނީ!

ޖަލުތަކުގައި ކުނީގެ ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު ނުވަތަ ގަސްކާނާ އުފެއްދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީޢެސް) އިން ސޮނެވާ ނަމޫނާއާއެކު، ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްސީއެސްގެ ފަރާތުން މި ފަހުމްނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައިވާއިރު، ސޮނެވާ ނަމޫނާއިން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަލްފާޟިލާ އަޒްހޫރާ އަޙްމަދުއެވެ.
ކަރެކްޝަންއިން ހާމަކުރި ގޮތުގައި މި ފަހުމްނާމާގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުމެވެ.
އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
އެއް އަހަރުގެ މުއްދަތަށް ކުރިއަށްދާ މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ޤައިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

.gif.gif&w=828&q=100)


