
އިތުރު ފެކްޝަންތައް އުފެދި އެމްޑީޕީ ބައިބައިވަނީ، ފައްޔާޒުއާ މެދު އޮތް ހިތްހަމަނުޖެހުން ބޮޑު
ޑިމޮކްރަސީ ރާއްޖެއައިފަހުން ސީދާ ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވަންފެށިފަހުން ރާއްޖޭގެ ވެރިކަން އެންމެ ގިނަފަހަރުކޮށްފައިވާ ޕާޓީ އަދި މިހާރު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެތެރޭގައި ފެކްޝަންތައް އުފެދި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.
ދެފަހަރު ވެރިކަންކުރަން ލިބުނުނަމަވެސް ރައްޔިތުން ގަބޫލުކުރާ ފަދަ ވެރިކަމެއް އެމްޑީޕީގެ ފަރާތުން އަދިފެނިފައެއް ނުވެއެވެ. ޖެހިގެން އަންނަ ކޮންމ ރިޔާސީ އިންތިހާބެއްގައިވެސް ކޮންމެ ފަހަރަކުވެސް ރައްޔިތުން އެމްޑީޕީއަށް ބުނަނީ ނޫނެކޭ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައިވެސް އެތަށް ވަޒީފާތަކަކާ މަގާމުތައްމީހުންނަށް ބެހި ނަމަވެސް ރައްޔިތުންގެ ތާއީދު އަދި އިތުބާރު ހޯއްދެވީ މިހާުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެވެ. ރިޔާސީ އިންތިހާބުގެ ފަހުން އިދިކޮޅު އެމްޑީޕީ އެޕާާޓީގެ އަސްލު ސިފައިގައި އަދި ފެނިފައެއް ނުވެއެވެ. މަގުމަތީ ހަރަކާތް ވަރުގަދަ އެމްޑީޕީއިން މިހާރު ކުރަމުންދަނީ ވަރަށް ވަނދުކޮށެވެ. ވެއްޓުނު އަޑިގަނޑުން އެޕާޓީއަށް އަރެއް ނުގަނެވުނެވެ. އެ މައްސަލަތައް ހައްލުނުވެގެން އުޅެނިކޮށް ދެން ފެނުނީ ރިޔާސީ ޓިކެޓާ ތަޅާފޮޅާ ފާޓީގެ ތެރޭގައި ބައިބައިވުން އުފެދެންފެށިތަނެވެ.
ރައީސް އިބޫގެ ވަކި ފެކްޝަނެއް ؟
އެމްޑީޕީ ތެރޭގައި ކޯޅުންތަކާ މައްސަލަތައް އުފެދިފައިވާ ކަމުގެ އަޑުތައް ކުޑަކޮށް ހިނދުނު ދަނޑިވަޅު އެންމެމްގެ ސަމާލުކަން ދަމައިގަތީ ރައީސް ސޯލިހުއަށް ތާއީދު ކުރާ މީހުންގެ ވަކި ބައްދަލުމެއް ބާއްވާ ސޯޝަލް މީޑިއާގައި އެބައްދަލުމުގެ ފޮޓޯ އަދި ވީޑިއޯ އާންމު ކުރުމުންނެވެ. އެ ބައްދަލްވުމުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.ބިގޭ އާއި ރައީސް ސޯލިހަކީ ދެ ޅިޔަނުންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ގެންނަން ރައީސް ސޯލިހް ބޭނުންފުޅު ވަނީ ބިގޭ ކަމަށް އެނގިފައިވެ އެވެ. ދެން އޮންނަ އިންތިހާބަކަށް އެ މަސައްކަތް މިހާާރު ވަނީ ފަށާފަ އެވެ. އެ ބައްދަލްވުމުގައި ބިގޭ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވަރުގަދަ މަގުމަތީ ހަރަކާތްތައް މިހާރު އޮތީ ވަޅުޖެހިފަ އެވެ. ފައްޔާޒާއި ޝާހިދުގެ ލީޑާޝިޕްގައި މަގުމަތީ ހަރަކާތްތައް ކުރިއަށް ނުދެ އެވެ. އެހެން ކަމުން އެ މަސައްކަތް ރައީސް ސޯލިހްގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދަން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅިގެން އެޕާޓީގެ ވަރަށް ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުމާ ނުރުހުން ފާޅުކޮށްފައެވެ.
މި މައްސަލާގައި ވާހަކަ ދެއްކި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކުރީގެ ރައީސަކަށް ވިޔަސް އެމްޑީޕީގައި އިންތިހާބު ކޮށްފައިވާ ލީޑާޝިޕެއް އޮއްވާ އަމިއްލަ އަމިއްލައަށް އެފަދަ ކަަމެއް ނުކުރެވޭނެ ކަމަށާ އެފަދަ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އެކަން އެގޮތަށް ކޮށްފިނަމަ ފައްޔާޒާއި ޝާހިދު މަޑުން ނުހުންނަވާނެ ކަން އެއީ ޔަގީން ކަމެކެވެ. އެހެން ވެއްޖެނަމަ އެމްޑީޕީގައި އޮތް ހަމަޖެހުން ގެއްލޭނެ އެވެ. ބައިބައިވުމަކަށް މަގުފަހިވާނެ އެވެ.
ޗެއާޕާސަން ފައްޔާޒު ފެއިލްވީތަ؟
ފައްޔާޒު ޗެއާޕާސަންގެ މަގާމަށް އައުމަކީ އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެޕާޓީ ދޫކުރައްވާ ވަޑައިގަތުމުގެ ދޮރު ހުޅުވުނު ހިސާބެވެ. ފައްޔާޒު މަގާމަށް ހޮވުމާއެކު އޭރުވެސް ނަޝީދުއަށް ތާއީދުކުރާ މީހުން ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ބާކީކޮށްލާފައި ހުންނަ ވާހަކަ ފެތުރުނެވެ. އިކޮނޮމިކް މިނިސްޓަރަކަށް ފައްޔާޒު ހުރިއިރު އެތާގައި މަސައްކަތްކުރި ނަޝީދުއަށް ތާއީދު ކުރާ މީހުންނަށް ދުއްތުރާ ކުރި ވާހަކައަކީ ވެސް ދެކެވުނު ވާހަކައެކެވެ. ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރގެ މަގާމުގައި ހުރި އެކްޓިވިސްޓް އަންވަރު (ސިމްވާ) މަސައްކަތް ކުރަން ހުރިި މޭޒުވެސް އޮފީހުން ބޭރުކޮށްލި ވާހަކައަކީ އޭރުހަމަ ދެކެވުނު ވާހަކައެކެވެ.
ފައްޔާޒު އެމްޑީޕީގެ ފައްޔާޒު ޗެއާޕާސަންގެ މަގާމާ ހަވާލުވީ ފަހުން އަދި އެޕާޓީއަށް އިންތިހާބެއް ކާމިޔާބުކުރެވިފައެއް ނެތެވެ. ކާމިޔާބު ކުރެވުނީ ކައުންސިލް ބައި-އިލެކްޝަންގެ މޭޔަރު ގޮނޑި އެކަންޏެވެ. އެއީވެސް އާޒިމް ކުރި މަސައްކަތުންނާ އެހެން ޕާޓީތަކުން މާމަގުބޫލު ކެނޑިޑޭޓަކު ނުދެއްކުމުގެ ސަބަބުން ލިބުނު ގޮނޑިއެކޭ ވެސް ބުނެވިދާނެއެވެ. ފައްޔާޒު އަކީ ރުޅިގަދަ ރުންކުރު މީހެއްގެ ގޮތުގައި ހުދު އެޕާޓީގެ މެންބަރުންވެސް ސިފަކުރެއެވެ. މީހުން މާ ގަޔާވާ މީހަކަށް ހަމަގައިމުވެސް ފައްޔާޒު ނުވެއެވެ.
ހުރިހާ އެންމެ ވެސް ބޭނުންވަނީ ރިޔާސީ ޓިކެޓު
ހިޔާލުތަފާތުވުންތަކާ މައްސަލަތައް މިޖެހެނީ އެންމެ ކަމަކާ ގުޅިގެންނެވެ. ވަގުތުގެ ގޮތުން ނުދެއްކިޔަސް ހަގީގަތަކީ ވެސް އެއީއެވެ. އަދި ދައްކަންވެސް ދައްކާނެއެވެ. މައްސަލަޖެހޭލެއްވެސް އިތުރުވާނެއެވެ. އަޑުއަޑު އިވޭލެއްވެސް ގިނަ ވާނެއެވެ. އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުތުގެ ރިޔާސީ ޓިކެޓުގެ ވާހަކައެވެ. ޕާޓީ ތެރޭގައި ނަގާކިޔާ ސީނައާ މީހެއްވީޔާ ރިޔާސީ ޓިކެޓު ބޭނުންވެއެވެ. ވެރިކަން ބޭނުންވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ދެން އޮންނަ ރިޔާސީ އިންތިހާބެއް ގައި ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެކަމުގައި އެމްޑީޕީގެ މެންބަރުންގެ ތާއީދަށް ވެސް ރަސްމީކޮށް ވަނީ އެދިވަޑައިގެންފަ އެވެ. އެމްޑީޕީގެ ރައީސް, ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިވާ ކަމުގެ އަޑުތައް އެބަ އޮތެވެ. ހުޅުމާލެ ތަމްސީލު ކުރައްވާ ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު ޑރ. ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ. ކުރީގެ ރައީސް ސޯލިހުވެސް މަޑުން ހުންނެވުމަށްފަހު އަނެއްކާވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ފެށުމުން އަދިވެސް ވެރިކަން ކުރުމަށް އެމަނިކުފާނުގެ ވެސް ޝައުގުވެރިކަން އޮތްކަން އެބަ ހާމަވެއެވެ.
ދެން ހުންނެވީ މޭޔަރު އާޒިމެވެ. ވެރިކަމަށް ޝައުގުވެރިކަން އެބަހުއްޓެވެވެ. ރައިސް މުޢިއްޒު "ކޮޕީ" ކޮށްގެން ވެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާކަން ސާފެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ގޮނޑިދިފާއުކޮށް 2028 ވިސްނުން ގެންގުޅޭނެއެވެ. އޭނާގެ ފަހަތުގައިވެސް ޓީމެއް އެބައޮތެވެ. އެމްޑީޕީ މީހުން ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާގެން ބޮޑު މުސާރަދީގެން ގާތުގައި އެބަ ގެންގުޅެއެވެ. ފަހަރުގައި ކަންކަން ވާގޮތަކުން ޓިކެޓަށް ޝައުގުވެރިވާ މީހެއްގެ ރަނިންގްމޭޓެއްގެ ގޮތުގައި އާޒިމް ފެނުމަކީ ފަހަރުގައި ވެދާނެ ކަމަކެވެ.
ކުރިޔަށް އޮތްތަނުގައި މިވާދަވެރިކަން އިތުރަށް ފޯރިގަދަވާތަން ފެންނާނެއެވެ. ހިންދީ ފިލްމުތަކުގައި ބުނާހެން "ޕިއްޗަރު އަބީ ބާކީ" އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފައްޔާޒްގެ މަސައްކަތްތަކަށް ނަޝީދުގެ ތައުރީފް!2025 ނޮވެމްބަރު 24
ހިންގާލަން ނިކުތް ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާދީފި2025 ނޮވެމްބަރު 23
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި2025 އޮކްޓޯބަރު 19
65 އަހަރުވެގެން ރިޓަޔަރ ކުރާ މީހުންނަށް 50،000 ރުފިޔާ ދޭން ޖެހޭ: ޝާޑު2025 އޮކްޓޯބަރު 07