.webp&w=3840&q=75)
ދައުލަތަށް ނުކެތިޔަސް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ އެމްޑީޕީން ދެކޮޅު
ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމުން، އޭގެ ބޭނުމަކީ ބާރުތައް އަތުލައި "ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން" ހިންގުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުވާން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ރައީސް ޝާހިދަށް ރައްދު ދެއްވަމުން ހަމަ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ހިންގަން ނޭނގި ގައުމު ބަނގުރޫޓުކޮށްލީ އެމްޑީޕީން ކަމަށެވެ.
"ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓުކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުން ނުކުމެ މަނިކުފާނުމެންގެ ވެރިކަން ނިމުމަކަށްގެނައީ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް. ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ އިތުރުން ޕީއެންސީގެ ނައިބް ރައީސް ބާރަށު ދާއިރާގެ މެންބަރު ޝުޖާއުވެސް ވަނީ ޝާހިދުއަށް ރައްދުދެއްވާފައެވެ.
ވެރިކަން ކުރާ ޕީއެންސީ އިން ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މުޅި ގައުމުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ ބޭފުޅަކު ހޮވާއިރު މަދު މީހުންކޮޅެއް އުޅޭ ރަށެއް ހިންގުމަށް ފަސް ކައުންސިލަރުން ހޮވުމަކީ ހަރަދު ބޮޑު ގޮތެއް ކަމަށެވެ.
ލާމަރުކަޒީ ނިޒާމު މިވަގުތު އޮތީ ދައުލަތަށް ނުކަތާ ވަރަށް ބޮޑުކޮށް ކަމަށާއި އެހެންކަމުން އެހެންކަމުން ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
65 އަހަރުވެގެން ރިޓަޔަރ ކުރާ މީހުންނަށް 50،000 ރުފިޔާ ދޭން ޖެހޭ: ޝާޑު2025 އޮކްޓޯބަރު 07
ކުމުންދޫއިން ރައީސް އަށް: ތިޔައީ ރިވެތި އަހުލަގީ ނަމޫނާ، ވެރިއެކޭ އިއްވާ ނިދާ2025 އޯގަސްޓު 27
މި މަހުގެ މިހާތަނަަށް މަސްވެރިންނަށް 21.4 މިލިއަން ރުފިޔާ ދޫކޮށްފި2025 ޖުލައި 13
ދެމެހެއްޓެނިވި ތަރައްޤީއަށް ޕަބްލިކް ސާވަންޓުންގެ ދައުރު މުހިންމު: ރައީސް2025 ޖޫން 23