ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.
މި ދަރިވަރެއްގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަވާ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ޚާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް މިއަދު ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނު ވަނީ ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވާފައި ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ބުންޏެވެ.
މި ޙަފްލާގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައެވެ.
ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.
ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްޙަކީމާއި، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ދަސްވެނިވުމަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު ހަރުދަނާކުރުމަށާއި، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ކުރިޔަށް އަންނަން އޮތް ޖީލުތަކަށް ސައްހަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ގާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.
މި ކޯސްތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ އިސްލާމީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން ޢިލްމީ ޤާބިލުކަން އިތުރުކުރުމަށާއި، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ލިބިގެންދިޔަ ބޮޑު ބާރެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖޭގައި ތަމްރީނުވެފައިވާ ޤުރްއާން މުދައްރިސުން އުފެއްދުމަށާއި އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އިތުރަށް




.gif.gif&w=828&q=100)