އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފު ޖެހިޖެހިގެން 7 ވަނަ ފަހަރަށް ރާއްޖެއަށް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވެލް އެވޯޑްސް" ގެ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަންގެ މަޤާމު ޖެހިޖެހިގެން 7 ވަނަ ފަހަރަށް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފިއެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ވޯލްޑް ޓްރެވެލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ 2026" ހަފްލާގައި ރާއްޖެއިން ވަނީ ޖުމްލަ 5 އެވޯޑެއް ހޯދާފައެވެ.
މި ހަފްލާގައި ރާއްޖެއިން ހޯދި އެހެނިހެން އެވޯޑުތަކުގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2026، އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން 2026، އަދި އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2026 ހިމެނެއެވެ. މީގެއިތުރުން، ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ހަރަކާތްތެރިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޓޫރިސްޓް ބޯޑުގެ ލަޤަބު ލިބިފައެވެ.
ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ރަސްމިއްޔާތުގައި ރާއްޖޭގެ 15 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ބްރޭންޑްތަކުން ވަނީ އެކި ދާއިރާތަކުން އެވޯޑު ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ލަގްޒަރީ ރިސޯޓުތަކާއި، އެވިއޭޝަން، ޑައިވިންގ، އާއިލީ އަދި ހަނީމޫން ދަތުރުތަކުގެ އިތުރުން ސުޕަރ ޔޮޓް އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ދާއިރާތައް ހިމެނެއެވެ. ސަރަހައްދީ އެވޯޑުތަކުގެ އިތުރުން، ރާއްޖެއަކީ 2020 އިން ފެށިގެން 2025 އާ ހަމައަށް ޖެހިޖެހިގެން 6 އަހަރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލް (ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން) ގެ މަޤާމުވެސް ހޯދާފައިވާ ޤައުމެކެވެ.
ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި، ޓޫރިސްޓް ބޯޑުތަކާއި، އެއާލައިންތަކުގެ އިތުރުން މީޑިއާތަކުން ބައިވެރިވި މި ގާލާ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. 1993 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ އުސް އަދި އެންމެ ޝަރަފުވެރި އެވޯޑެވެ.

.gif.gif&w=828&q=100)
