logologologologo
STO
ކުޅިވަރު

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު، ވެލާ ސްޕޯޓްސް ކްލަބް އޭދަފުށި ކަޕްގެ ފައިނަލަށް

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު، ވެލާ ސްޕޯޓްސް ކްލަބް އޭދަފުށި ކަޕްގެ ފައިނަލަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 11

އޭދަފުށި ކަޕް 2026 ގެ ލީގު ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުން އިރުމަތި އެފްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ސަތޭކަ ޕަސެންޓް ކާމިޔާބު ރެކޯޑަކާއެކު ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފައިނަލުގެ ސީދާ ޖާގައެއް ވެލާ ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ވެލާ ސްޕޯޓްސް އަށް ނީޖާދީ ގޯލު ޖަހައިދިނީ އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އެއަށްފަހު، ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) ވަނީ ވެލާގެ ދެވަނަ ގޯލު ޖަހައި ޓީމުގެ ކުރިއެރުން ފުޅާކޮށްދީފައެވެ. މި ގޯލާއެކު ސައްޓު ވަނީ މުބާރާތުގައި އޭނާ ޖެހި ގޯލުގެ އަދަދު ހަތަރަކަށް އުފުލައިފައެވެ.

މި އަހަރުގެ މުބާރާތް ރޭވިފައިވަނީ ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. ލީގު ބުރުގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން އަތުން 5-1 އިން މޮޅުވި ވެލާ ސްޕޯޓްސް ވަނީ ދެވަނަ މެޗުގައި 3-0 އިން ޓީމް މިޑްލް އީސްޓް ބަލިކޮށްފައެވެ. މިއަދުގެ މޮޅާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ، އެންމެ ކުރީގައި އޮވެގެން އެޓީމު މިވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ ހުސް ސޮނގުންނާއި ޓީމް މިޑްލް އީސްޓެވެ. މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދާނީ މާދަމާގެ މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ އަށް ދާ ދެ ޓީމުގެ މެދުގައި އަންނަ އާދީއްތަ ދުވަހު ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ފަރާތަކަށެވެ. އޭދަފުށި ކަޕްގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް