އެގްރޯނެޓް އަކީ މިފްކޯގެ ސަބްސިޑިއަރީއަކަށް ހަދަން ސަރުކާރުން ނިންމައިފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަދަލުތައް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި، އަދި ބައެއް ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފްކޯ އާއި އެގްރޯނެޓް އެކުގައި މަސައްކަތް ކުރަން ފެށުމުން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު އެގްރޯނެޓްގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށާއި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒުތައް ހާސިލްކުރުމުގެ އިތުރުން، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
މީގެއިތުރުން، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ވިއްކުމަށް ޚާއްސަކޮށްގެން މާލޭގައި ތަރައްގީކުރާ މާރުކޭޓް ބަލަހައްޓާނީވެސް މިފްކޯއިން ކަމަށް ރައީސް ވިދާޅުވިއެވެ.

.gif.gif&w=828&q=100)
