ރާއްޖޭގައި އުފައްދާ ތަކެތި އިމްޕޯޓްކުރުން މަދުކުރުމަށް ފިޔަވަޅުތަކެއް

ރާއްޖޭގައި އުފައްދާ ތަކެތި އިމްޕޯޓްކުރުން މަދުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ ބާޒާރުގައި ހުރި މުދަލުގެ ތެރެއިން ހަލާކުވާ ޒާތުގެ ނުވަތަ ޕެރިޝަބަލް މުދަލަށް އެކަނި ބެލިނަމަވެސް، ގިނަ ބާވައްތަކަކީ އިމްޕޯޓް ކުރާ ބާވައްތަކެވެ. ރާއްޖެއަށް އެތެރެކުރާ ބާވައްތަކުގެ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރުވެސް މިކަން ފެނިގެންދެއެވެ. ކާއްޓާއި، މަހަކީ ދިވެހިރާއްޖެގައި ޒަމާނުއްސުރެ ލިބެން ހުންނަ ބާވައްތަކެވެ. ރަށްރަށުން ލިބެން ހުރި ވަސީލަތެއް ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް އައި ކުރިއެރުންތަކާއެކު ރަށްރަށުގައި ބޭނުންވާ މިންވަރު އިތުރުވެ، ރިސޯޓުތަކަށްވެސް މި ބާވައްތަކުގެ ޑިމާންޑު އިތުރުވިއެވެ. މިކަމުގެ ސަބަބުން ޑިމާންޑާއި އެއްވަރަށް މި ބާވައްތަ ފޯރުކޮށް ނުދެވުމުން އިމްޕޯޓަށް ބަރޯސާވިއެވެ.
މިކަން ހާމަވާ އެއް ހެއްކަކީ ރާއްޖެއަށް ކުރުނބާ އެތެރެކުރާ މިންވަރަށް އައި ބަދަލެވެ. ހަމައެކަނި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 11 މިލިޔަން ރުފިޔާގެ ކުރުނބާ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރު އެކަނިވެސް 24.8 މިލިޔަން ރުފިޔާގެ ކުރުނބާ ވަނީ އެތެރެކޮށްފައެވެ.
މިހާލަތުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަހުމަދު ޝިޔާމް ވަނީ، މިކަން ހާސިލް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތައް ނައްތާލަން އިންވެސްޓަރުންނަށް ފަހި ފުރުސަތުތެކެއް ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި މިއޮތީ ދިވެހިރާއްޖޭގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމަކީ ވަރަށް މުހިއްމު ސިނާޢަތެއް. ދިވެހިރާއްޖެ އުފެދިފައި އޮތްގޮތާއި ދިވެހިރާއްޖޭގައި ހުރި ގޮންޖެހުންތަކާއެކު އަޅުގަނޑުމެން ބޭނުންވޭ ދިވެހިރާއްޖެއަށް ދަނޑުވެރިކަމުން އުފައްދާ ބާވައްތައް އެތެރެކުރާ އެތެރެކުރުން ވީހާވެސް މަދުކުރެވޭ ގޮތަށް، އަޅުގަނޑުމެން ބޭނުންވޭ ފުޑް ސެކިއުރިޓީއަށް މަސައްކަތް ކުރާއިރު ސަބްސްޓިއުޓް ކުރެވޭނެ މިންވަރަށް ސްކޭލް ކުރަން." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މިމަސައްކަތުގެ ތެރެއިން ސަރުކާރުން ރާއްޖޭގެ 10 ރަށަކުން އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ތަރައްޤީ ކުރުމަށް ބިންތައް މިހާރު ހޯދިފައިވާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. އަދި މިބިންތަކަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބެމުންދާ ކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވިއެވެ. މީގެ ތެރެއިން ކ. ކާށިދޫގައި 1 ހެކްޓަރުގެ ބިމެއްގައި ދަނޑުވެރިކަން ކުރުމަށް ބޭރުގެ ފަރާތަކާއި ހަވާލުކުރުމުގެ މަރުހަލާގައި އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ބިންތައް ހަވާލުކުރާއިރު ވަކި ބާވައްތައް ކަނޑައެޅޭ މިންވަރަކަށް ހެއްދުން ފަދަ ކަންކަމަށް ޝަރުތުކުކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަސައްކަތުގެ އިތުރުން، ރިސޯޓުތަކަށް ރާއްޖޭގައި އުފައްދާ ބާވައްތަ ފޮނުވުމަށް މަސައްކަތް ކުރިއަށްދާކަން ސަރުކާރުން ފާހަގަކުރެއެވެ.
ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއް، ނަމަވެސް ދިވެހިރާއްޖޭގައި އުފެއްދޭ ބާވަތްތަކެއްވެސް ހުރެއެވެ. ބައެއް ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރަން ޖެހޭ ތަކެތި ނޫން ކަމަށް ހީވިއަސް އުފެއްދުންތެރިކަން ދައްވެ، ބާޒާރަށް ބޭނުންވާ މިންވަރަށް ނުއުފެއްދެއެވެ. ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ސިޔާސަތަކީ މިކަމަށް ހައްލެއް ގެނައުމަށް ކަނޑައަޅާފައިވާ މުހިންމު ސިޔާސަތެކެވެ.
އިތުރަށް





.gif.gif&w=828&q=100)