logologologologo
STO
ޚަބަރު

ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އުތީމުގައި ތަރައްޤީކުރި ދެ ބިނާ ހުޅުވައިފި

ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އުތީމުގައި ތަރައްޤީކުރި ދެ ބިނާ ހުޅުވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 15

ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ހއ. އުތީމުގައި ތަރައްޤީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަދި ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި 2 ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަކީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އިސްތިޢުމާރީން މި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް މަޝްހޫރު ނަމުންނަމަ ބޮޑުތަކުފާނު އިސްވެ ހުންނަވާ ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭގޮތަށް އަދި އެ ހަނދާންތައް އައުކޮށްދޭނެ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބިނާއެކެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނެއެވެ. މި ތަނބުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށް ނިސްބަތްވާގޮތަށެވެ.

މިއިން ކޮންމެ ތަނބަކުން ރަމްޒުކޮށްދެނީ ޕޯޗުގީޒުންނާ ދެކޮޅަށް ދިވެހިންގެ މިނިވަންކަމަށްޓަކާ ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންގެ ތެރެއިން ބޭފުޅެކެވެ. އެއީ މުޙައްމަދު ތަކުރުފާނާއި، ބޭބެ އަލިތަކުރުފާނާއި، ކޮއްކޮ ޙަސަން ތަކުރުފާނާއި، ދުވާފަރު ދަންޑަހެލާއި، ތިމަރަފުށީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ.

މި ބިނާގެ މަތީބައިގައިވާ 6 ފާނޫޒުން ރޭގަނޑު އަލިކޮށްދޭއިރު، މިއީ މުޅި ޤައުމަށް އުންމީދާއި އަލިކަން އަލުން ލިބިގެންދިޔަކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. ބިނާގެ މަތީބައިގައި ދިވެހި މިސްކިތްތަކުގެ ދޮރުތަކުގެ މަތީގައި ފެންނަން ހުންނަ ގަލުވަޑާމުގެ ނަކަލެއް ހިމަނާފައިވާއިރު، މިއިން ރަމްޒުކޮށްދެނީ ދިވެހީންގެ އެވޭލާ ތަރިކައާއި ދިވެހީންގެ ސަގާފަތާއި ޙަޟާރަތުގެ ފުރިހަމަކަމެވެ.

ދޮރާށީގެ ހުރަސް ތަނބުތަކުގައި ސޯޅަވަނަ ގަރުނުގެ ފަންނުވެރިކަން ދައްކުވައިދޭ ލިޔެލާޖެހި މަސައްކަތް ހިމަނާފައިވެއެވެ. ބިނާގެ މެދުގައިވާ ބޮޑު ދޮރާށްޓަކީ މިނިވަން ޤައުމަކަށް ވަދެވޭ މަގުކަން ރަމްޒުކޮށްދޭ އާޓެކެވެ. ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ޚާއްސަ ދޮރާށީގެ ބައްޓަމުން ނެގިފައިވާ މި ނަކަލުން ރަމްޒުކޮށްދެނީ، ބޮޑުތަކުރުފާނު އިސްލާމްދީނުގެ ޙައްޤުގައި ކުރެއްވި ޖިހާދާއި، ކާމިޔާބީ ލިބިވަޑައިގަތުމުން ދިވެހިން އިސްލާމްދީނަށް އަހުލުވެރިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ.

Boduthakurufaanuge Vaahaka Vau, Utheem.jpg

މި ބިނާއިން ފެނިގެންދާ ޣާޒީ ރަދުންނާ ހަމައިން ރަސްމީ ކުރެއްވުނުކަމަށް ބެލެވޭ ތާނައަކުރުތަކުން ރަމްޒުކޮށްދެނީ ދިވެހިވަންތަކަން އިޔާދަކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުތަކެވެ. ދޮރާށީގައި ކަނޑާ ނެގިފައިވަނީ ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ "ތާރީޚީ ހަނދާން" މި ޅެމެވެ. މި ބިނާގެ މަތީގައި ދިވެހި ދައުލަތުގެ ނިޝާން ވަނީ ހަރުކޮށްފައެވެ. އަދި ބިނާގެ ބިންގާ ފަރުމާކޮށްފައިވަނީ ޤައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ސިޑިބަރިތަކެއްގެ މައްޗަށެވެ.

މިއީ އުތީމުގެ މަލަމައްޗަށް އިތުރު ދިރުމެއް ގެނުވާނެ ޚާއްސަ ބިނާއެކެވެ. އުތީމުގެ ބަނދަރުމަތީ ސަރަޙައްދުގައި މިވަގުތުވެސް ކަޅުއޮއްފުންމީގެ ނަކަލެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް ޤާއިމުކޮށްފައިވާއިރު، އަލަށް މި ހުޅުވުނު ބިނާއާއެކު ރަށުގެ މޫނު މައްޗަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނުވާފައެވެ.

މިއަދު ހުޅުވުނު ވާހަކަ ވައު ތަރައްޤީކޮށްފައިވަނީ އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގައެވެ. މި ތާރީޚީ ބިނާއާ އިންވެގެން އޮތް ޤުދުރަތީ ވަލުތެރޭގައި ހަދާފައިވާ މިތަނަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި، އެ ތާރީޚީ ޖިހާދު އިޙްސާސްކޮށްދޭ ތަނެކެވެ.މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. މި މަގުގެ ކޮންމެ ހިސާބެއްގައިވެސް ތާރީޚީ ވާހަކަތައް ހިމެނޭ ޖުމްލަ 14 ބޯޑެއް ވަނީ ބަހައްޓާފައެވެ.

 

View post on Twitter

 

މި ބޯޑުތަކުގެ އެހީގައި 1558 ގައި ޕޯޗުގީޒުން މާލެ އިސްތިޢުމާރު ކުރި ހިސާބުން ފެށިގެން، ބާރަށުގައި ކަޅުއޮއްފުންމި ބެންނެވުމާއި، 1573 ގައި ލިބުނު ފަޚުރުވެރި ނަޞްރާ ހަމައަށް ހިނގާދިޔަ މުހިންމު ކަންކަމުގެ މަޢުލޫމާތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. މިއީ ފަންނުވެރިކަމާއި، ޤުދުރަތީ ރީތިކަމާއި ތާރީޚު އެއްތަނަކުން ތަޖުރިބާކޮށްލަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ފަންނާއި ސަްާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނީ، މި 2 ބިނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޔާސަތެއްކަމުގައިވާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އަމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ ފެށުން ކަމަށެވެ.

ސަރުކާރުގެ މިފަދަ އިސްނެންގެވުންތަކުގެ އެންމެ މުހިންމު އެއް މަޤުޞަދަކީ، އާސާރީ ބިނާތައް ރައްކާތެރިކުރުމާއި ތާރީޚީ ވާހަކަތައް ޚާއްޞަކޮށް ޒުވާން ޖީލު ޝަޢުގުވެރިކުރުމުގެ އިތުރުން ރަށަށް އަންނަ ފަތުރުވެރިންނަށް ފުރިހަމަ ސަގާފީ އަދި ތާރީޚީ ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ހުޅުވާލުންކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. އެ ވުޒާރާއިން ބުނީ، ކަނދުވަލު މިސްކިތް ހިމެނޭ ސަރަޙައްދުގައި "ވާހަކަ ވައު" ތަރައްޤީކުރުމުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަތުރުވެރިންގެ މެދުގައި އުތީމަށް އޮތް ޝައުގުވެރިކަން އިތުރުވެ، ރަށުގެ ރައްޔިތުންނަށް އިޤްތިޞާދީ ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ.

އުތީމަކީ ޤައުމީ ތަރިކައިގެ މުހިންމު މަންޒިލެއްކަމުގައި ކަނޑައަޅައި، ތާރީޚީ ތަންތަން ރައްކާތެރިކުރުމުގެ މަސައްކަތްފުޅާކޮށް، އެތަންތަން ދިރިހުރި ސަގާފީ ތަރިކަތަކަކަށް ހެދުމަކީ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރެކެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް