logologologologo
STO
ޚަބަރު

ޕޯޗުގީޒުންގެ އަތް ދަށުގައި އެތައް އަހަރަކު އޮންނާން ޖެހުނީ އެންމެ މީހަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން: ރައީސް

 ޕޯޗުގީޒުންގެ އަތް ދަށުގައި އެތައް އަހަރަކު އޮންނާން ޖެހުނީ އެންމެ މީހަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން: ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 15

ޕޯޗުގީޒުންގެ އަތް ދަށުގައި އެތައް އަހަރަކު އޮންނާން ޖެހުނީ އެންމެ މީހަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހިތްދަތިކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތް ދަށުގައި އޮންނާން ޖެހުނީ އަޅުގަނޑުމެންގެކުރެ އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

"އެ ހިސާބުން އޭނާއާ ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑުނީ. ވަޠަނީ ލޯތްބާއި ކުލުނުގެ އަސާސް ރޫޅި ފުނޑުފުނޑުވީ.  ދީން ދޫކޮށްލާ  ހިސާބުން އެ ޚިޔާނާތްތެރިވެވުނީ ހަމަ އެކަނި ދީނަކަށް ނޫން. އެ ޚިޔާނާތްތެރިވެވުނީ، ދިވެހި ޤައުމަށް. ދިވެހިރާއްޖެއާއި ދިވެހި ދައުލަތަށް. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް. ދިވެހީންގެ އަބުރާ ޢިއްޒަތާއި މުޅި ދިވެހި ތާރީޚަށް ވެސް މެ. ނަތީޖާ ކިހާ ނުރައްކާތެރިތޯ؟ ކޮން ފަދަ ހިތާމަވެރިތޯ؟" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބެނީ އިސްލާމް ދީނުން ކަމަށާއި ދީނުގައި އެ ފަދަ މަތިވެރި ބާރާއި ދިރުމާއި ރޫޙް އެކުލެވިގެންވާ ކަމަށާއި އުތީމު މަހާރަދުން ޖިހާދުކުރެއްވީ އިސްލާމް ދީނަށް ޓަކައި ކަމަށެވެ.

"މި ލޮބުވެތި އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަބެންނެވީ މާތްވެގެންވާ އިސްލާމްދީނަށް ޓަކާ. ހަނގުރާމައިން ޙާޞިލުކުރައްވަން ބޭނުންފުޅުވާ އަމާޒު އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަ ހުރި. އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ ސަލާމަތަށް ޓަކައި ނަޞްރު ލިބިވަޑައިގަންނަވަންދެން ޖިހާދުކުރެއްވުން. ނޫނީ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲގެ ރަޙްމަތަށް ވާޞިލުވުން." ރައީސް ވިދާޅުވިއެވެ.

އެހެންވީމާ މި ކަމުން ވެސް ޤައުމީ ދުވަހުގެ ހާދިސާއާ މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ނިކަން ފުރިހަމަޔަށް ފެންނަ ކަމަށާއި ޤައުމުގެ މިނިވަންކަމާ އިސްލާމްދީނާ ގުޅިލާމެހިފައިވާ މިންވަރު ހާމަވެގެންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު  ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ޤައުމުގެ މިނިވަންކަން އޮތީ ގެއްލިފާ. ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަންވަނީ  ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައި ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އުތީމު 3 ބެއިންގެ މަތިވެރި ޖިހާދަށް އަލިއަޅުވާލައްވާ ވިދާޅުވީ ޤައުމީ ދުވަހުގެ ބަޠަލު އުތީމު މަހާރަދުންނަކީ އާދަޔާ ޚިލާފު ދިވެހި ޝަޚްޞިއްޔަތެއްކަމަށާއި އެތަކުރުފާނުގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ޤައުމީ އެތައް ފިލާވަޅެއް ލިބިދޭކަމަށެވެ. އަދި އޭރުގެ ދިވެހީން އެ ފިލާވަޅު ލިބިގަތްކަމަށާއި އަޅުގަނޑުމެން މިހާރުގެ ދިވެހީން ވެސް މި ތިބީ އެ ގޮތުގައި ކަމަށެވެ.

މީލާދީން 1550 ގައި ދިވެހިރާއްޖޭގެ ތަޚުތަށް އިސްވި 9 ވަނަ ޙަސަން ރަސްގެފާނު ވަނީ ރާއްޖެ ދޫކުރައްވައި އިންޑިއާއަށް ވަޑައިގެން އިސްލާމް ދީން ދޫކުރައްވައިފައެވެ. އެއަށްފަހު ރާއްޖޭގެ ތަޚުތު އަލުން ހޯދުމަށް ޕޯޗްގީޒުންގެ އެހީތެރިކަމަށް އެދުމުން، އެކަމުގެ ނަތީޖާއެއްގެ ގޮތުން 1558 ގައި ޕޯޗްގީޒުން ދިވެހިރާއްޖެ ހިފައި 15 އަހަރުގެ އަނިޔާވެރި ވެރިކަމެއް ކުރިއެވެ.

ދިިވެހި ތާރީޚުގައި 9 ވަނަ ޙަސަން ރަސްގެފާނު ފާހަގަ ކުރެވެނީ ޤައުމަށް ޣައްދާރުވި ވެރިއެއްގެ ގޮތުގައިކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް