ސައްޓު އާއި ފާއްޓެ ވެސް ގެނެސްފި، އޭދަފުށީ ކަޕަށް ވެލާ ވަރުގަދައަށް ރުކުރުވާލަނީ

އިޝާން އިބްރާހިމް (ސައްޓު) އާއި އަހުމަދު ޝުހެއިލް (ބަންބުޗު) އަދި މުހައްމަދު ފާސިރު (ފާއްޓޭ) ގެ ސޮއި ހޯދައި އޭދަފުށީ ކަޕް 2026 އަށް އެންމެ ފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބް ތައްޔާރުވާން ފަށައިފި އެވެ.
ސައްޓު އަކީ ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށް ފުޓްސަލް ގައުމީ ޓީމާ އެކު މި އަހަރު މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ. ވެލާ އެންމެ ފުރަތަމަ 2024 ގައި ޗެމްޕިއަންކަން ހޯދި އިރު ސައްޓު އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
އެންމެ ފަހުން އޮތް އެފްއޭއެމް މާލޭ ރީޖަން ތިންވަނަ ޑިވިޝަނުގައި ޓީއެފްޓީ ސްޕޯޓްސް އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި ސުހެއިލް އަކީ ވެލާގެ މުހިއްމު ކުޅުންތެއރިއެކެވެ. އޭނާ ވަނީ ވެލާ ޗެމްޕިއަންކަން ހޯދި ދެ އަހަރު ވެސް ޓީމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު ސުހެއިލް ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ކުޅެފަ އެވެ. ނަމަވެސް ކުރިމަތިވި އަނިޔާއަކާ ގުޅިގެން ފުރަތަމަ ޑިވިޝަން ދޫކޮށްލި ފަހުން އޭނާ ވަނީ ދެވަނަ ޑިވިޝަންގައި ޖޭޖޭ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް އަދި ވިކްޓަރީ އަށް ވެސް ކުޅެފަ އެވެ. މި އަހަރު އަލަށް ތިންވަނަ ޑިވިޝަންގައި ވާދަކޮށް އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާގެ މަގާމް ވެސް ހޯދައިފަ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ފާއްޓޭ އަކީ ވެސް ވެލާގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާ ކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެ ޓީމު ފުރަތަމަ ފަހަރަށް 2024 ގައި ތަށި ހޯދި އިރު ފާއްޓޭ ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. މިދިޔަ އަހަރު ވެލާގެ ސްކޮޑުގައި ވެސް އޭނާ ހިމެނުނެވެ. ނަމަވެސް އޭއެފްސީ އޭޝިއަން ފުޓަސަލް ކޮލިފައިންގައި ވާދަ ކުރަން ގައުމީ ޓީމާ އެކު ހުރުމުން އޭނާ އަށް އެ މުބާރާތުގައި ނުކުޅެވުނެވެ.
ކުރިން ކްލަބް އޭވައިއެލް އާއެކު ދިވެހި ލީގު ކުޅުނު ފާއްޓޭ ވަނީ 16 އަހަރަށް ފަހު އެނބުރި އައިސް މިދިޔަ އަހަރު ނިއު ރޭޑީއަންޓާ އެކު ދިވެހި ޕްރިމިއާ ލީގު ކުޅެފަ އެވެ. އަނި ނިއު އާ އެކު މިދިޔަ ސީޒަންގެ އެފްއޭ ކަޕް ވެސް އޭނާ ކާމިޔާބު ކުރި އެވެ.
ވެލާ ސްޕޯޓްސް ކުލަބަކީ 2021 ވަނަ އަހަރު ފެށި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. މިހާތަނަށް ބޭއްވި މުބާރާޓްތަކުގެ ތެރެއިން އެއް ފަހަރު ފިޔަވައި ހަތަރު އަހަރު ވަނީ ފައިނަލްގައި ވާދަ ކޮށްފަ އެވެ. ދެހާސް ބާވީސް ވަނަ އަހަރު ސެމީ ފައިނަލުން ކެޓި ޓީމު ވަނީ ފުރަތަމަ ފައިނަލް ކުޅުނު ދެ އަހަރު ބަލި ވެފަ އެވެ. ނަމަވެސް އެންމެ ފަހުން 2024 އަދި 2025 ގައި އެ ޓީމު ވަނީ ޖެހިޖެހިގެން ދެ އަހަރު މުބާރާތުގެ ތަށި ހޯދައިފަ އެވެ.
ވެލާ ސްޕޯޓްސް ކްލަބުން އަންނަނީ އޭދަފުށީ ކަޕް 2026 އަށް ތައްޔާރުވާން ތައްޔާރުވާން އިތުރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓިއުނީޝީއާގެ އެއްވަނަ ޑިވިޝަން ކުޅޭ ޑިފެންޑަރެއް ވެސް ވެލާ ސްޕޯޓްސް އިން ގެންނާނެ ކަމަށް އެ ކްލަބުން ހާމަ ކުރެ އެވެ.
މި ޓްރާންސްފާތަކާ އެކު ޓީމު މި އަހަރު ވެސް ނުކުންނާނީ އެންމެ ފުރިހަމަ ކާމިޔާބެއް ހޯދުމުގެ އަޒުމުގައި ކަމަށް ކްލަބްގެ ރައީސް މުހައްމަދު ރަޝީދު (މޮހޯ) އީޓީއާ ވާހަކަ ދައްކަމުން ހާމަ ކޮށްފައިވެ އެވެ.

.gif.gif&w=828&q=100)