logologologologo
STO
ޚަބަރު

ރަށްތަކެއް ވިއްކާލަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: އެމްޓީޑީސީ

ރަށްތަކެއް ވިއްކާލަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: އެމްޓީޑީސީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 03

މޯލްޑިވްސް ޓުއަރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ރަށްތަކެއް ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ސަބްލީސް ކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ޙައްޤެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށާ އަދި އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.

އެމްޓީޑީސީން ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި މި 3 ރަށަކީ، ދިވެހި ސަރުކާރާއި އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް އެމްޓީޑީސީއިން ކުއްޔަށް ހިފާފައިވާ 3 ރަށް ކަމަށާއި މި 3 ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހައި ޙައްޤުތަކުގެ މިލްކުވެރި ފަރާތަކީ، އެމްޓީޑީސީ ކަމަށެވެ.

އެ ކުންފުނިން ބުނީ މި 3 ރަށުގެ ހެޑްލީސް ނުވަތަ ހެޑްލީސްއާއި ގުޅުންހުރި ޙައްޤުގެ އެއްވެސް މިންވަރެއް ވިއްކުމަށް، އެހެން ފަރާތަކަށް ދޫކޮށްލުމަށް، ނުވަތަ މިނޫންވެސް މިފަދަ އެހެން މުޢާމަލާތެއް މެދުވެރިކޮށް އެ ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ޙައްޤު ނުވަތަ މަސްލަޙަތު ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް އެ ކުންފުނިން ނިންމާފައި ނުވާކަމަށެވެ.

އަދި ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއާއި ގުޅުންހުރި އެއްވެސް ހައްޤެއް ވިއްކާލުމުގެ ނުވަތަ ދޫކޮށްލުމުގެ ނުވަތަ އެފަދަ ހައްޤަކަށް ނޭދެވޭ އަސަރުކުރާ ފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއިއެކު ކުރިއަށް ނުދާކަމުގެ ޔަޤީންކަން އެ ކުންފުނީގެ ހިއްސާދާރުންނަށް ވަނީ އަރުވާފައެވެ.

"އިސްވެ ބަޔާން ކުރި ގޮތާއި ޚިލާފަށް އެމްޓީޑީސީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބަޔާންކޮށް މީޑިއާގެ އެކި ވަޞީލަތްތަކުގައި ދައުރުވަމުން ދާ ވާހަކައަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަން މި ކުންފުނިން ކަށަވަރުކޮށްދެމެވެ." އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީޑީސީން ކަމާގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި ލިސްޓިން ރޫލްސްގައި ބަޔާންކުރާ ފަދައިން ހާމަކުރަންޖެހޭ އެންމެހައި މުއާމަލާތްތަކާއި ކަންކަން އެ ކުންފުނިން ރަސްމީކޮށް އަންގައި ހާމަކުރަމުންދާ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް