logologologologo
STO
ޚަބަރު

ބިދޭސިންގެ މައްސަލަ - ތިލަފުށިން 32 ބިދޭސީން ހައްޔަރުކޮށްފި

ބިދޭސިންގެ މައްސަލަ - ތިލަފުށިން 32 ބިދޭސީން ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 12

ތިލަފުށީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 32 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ތިލަފުށީގައި ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މި ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެތެރެއިން ޤަވާޢިދާ ޚިލާފަށް އުޅެމުންދިއަ 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި 2 ލައްކައެއްހާ ބިދޭސީން އުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ އާބާދީގެ 47 އިންސައްތައަކީ ބިދޭސީންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެކެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީ 590،079 އަށް އަރާފައިވާއިރު އޭގެތެރެއިން ދިވެހީންގެ އާބާދީ 394،054 ގައި ހުރިއިރު ބިދޭސީންގެ އާބާދީވަނީ 196،024 އަށް އަރާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކާކުކަން ދެނެގަނެވޭ ގޮތަށް ތިބީ އެންމެ 13 އިންސައްތަ ބިދޭސީން ކަމަށް އެމަނިކުފާނު ވަނީ މިދިޔަ މޭ މަހު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޞައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގާ ނިމިފައިވާ ކަމަށެވެ.

އެމަނިކުފާނު އެ ދުވަހު ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފަށައިގެން މިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ.

ޤަވާޢީދާ ޚިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކޮށް، ވިޔަފާރިކޮށް، ދިރިއުޅެމުން އަންނަ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި މައްސަލަ ހައްލުކުރެއްވުމަށް ރޭވުންތެރިކަމާއިއެކު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވަނީ ހަމައެކަނި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް