logologologologo
STO
ޚަބަރު

ހިލޭ އެހީގައި މަގު ހެދުމުގެ މަޝްރޫޢުއަކީ ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ: ޗައިނާ ސަފީރު

ހިލޭ އެހީގައި މަގު ހެދުމުގެ މަޝްރޫޢުއަކީ ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ: ޗައިނާ ސަފީރު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 29

​ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ "މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު" އަކީ ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ނަތީޖާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިއަދު ވަނީ ​މި މަޝްރޫޢުގެ ދަށުން، މަގުތައް ފަރުމާކުރުމުގެ ތަފްޞީލީ ސާވޭގެ މަސައްކަތްތައް ހިނގަމުންދާ ސަރަޙައްދަށް، ގެދޮރުވެރިކަމާއި އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަރިހުގައި މިއަދު ޒިޔާރަތް ކުރައްވައިފައެވެ.

ސަފީރު އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ދެ ފަރާތުގެ ޓީމުތަކުން ވަނީ ފުޅާ ދާއިރާއެއްގައި، ދިރާސާތަކާއި ފީޒިބިލިޓީ ސްޓަޑީޒްތައް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ކުރިއަށް އޮތް މަސައްކަތްތައް މިއަށްވުރެ ބުރަވެފައި ގޮންޖެހުންތައް ގިނަވާނެ ކަމަށާއި އެއީ ހަމައެކަނި ބިމުގެ އަޑީގެ ފެންހިންދާ ނިޒާމުގެ ހޮޅިތައް އަލުން އެޅުން އެކަނި ނޫން ކަމަށާއި އޭގެ އިތުރުން، މަސައްކަތް ހިނގަމުންދާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ކުރުން ކަށަވަރުކުރަން ޖެހޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

"އެހެންނަމަވެސް، މި މަޝްރޫޢަށް ޗައިނާ ސަރުކާރުން ދޭ އަހަންމިއްޔެކަމުގެ ސަބަބުން، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގެ ފުރިހަމަ ޤާބިލުކަން އަޅުގަނޑުމެންގެ މާހިރުންގެ ކިބައިގައި ހުރިކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ." ސަފީރުގެ މެސެޖް ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.

 

View post on Twitter


​މީގެއިތުރުން ސަފީރު ވަނީ މި މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވާ ޓީމުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބަށާއި، އެ ވުޒާރާގެ އެންމެހާ މުވައްޒަފުން ދެއްވާ އެއްބާރުލެއްވުމަށް ޚާއްޞަ ޝުކުރެއް ސަފީރު ވަނީ ދަންނަވައިފައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ނިމޭއިރު ފެން ބޮޑުވާ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެެ.

މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހެދިގެން ދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް