logologologologo
STO
ވިޔަފާރި

މަހަކު 63 ޓަނުގެ ސީވީޑް ރާއްޖެއިން އެކްސްޕޯޓްކުރަނީ: މެރިކަލްޗަރ ސިނާއަތުން ބޮޑު ކުރިއެރުމެއް!

މަހަކު 63 ޓަނުގެ ސީވީޑް ރާއްޖެއިން އެކްސްޕޯޓްކުރަނީ: މެރިކަލްޗަރ ސިނާއަތުން ބޮޑު ކުރިއެރުމެއް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 21

ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ސީވީޑް އާލާކުރުމުގެ މަސައްކަތް ބޮޑު ކާމިޔާބީއަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ރާއްޖޭގެ ކުންފުންޏަކުން މިހާރު ކުރިއަށްގެންދާ ސީވީޑް އާލާކުރުމުގެ މަސައްކަތުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ޓެސްޓް ކުރުމުގެ ގޮތުން ފެށީ އެންމެ 100 އެއްހާ ކިލޯގެ ސީވީޑް ކަލްޗަރ ކުރަން ފަށައިގެންނެވެ. ނަމަވެސް، ބ. ފެހެންދޫގައި ކުރިއަށްދާ މި މަޝްރޫއުން މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ ޑްރައިޑް ސީވީޑް ހާވެސްޓްކޮށް އެކްސްޕޯޓްކުރެއެވެ.

"63 ޓަނުގެ ޑްރައިޑް ސީވީޑަކީ އެއީ ގާތްގަނޑަކަށް ބަލާނަމަ 5 ކޮންޓެއިނަރގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް. އެހެންވީމަ މިއީ ހަމަ ރަނގަޅު އިންވެސްޓްމަންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. " މުއްޠަލިބު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މި މަސައްކަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ފެތުރުމެވެ. އެގޮތުން ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން ސަރުކާރުން ވަނީ ޚާއްޞަ 5 ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އެއީ:

  • ބޮޑު ތިލަދުންމަތި
  • ރ. އަތޮޅު
  • މ. އަތޮޅު
  • ތ. އަތޮޅު
  • މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް.

ސްޓޭޓް މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގއ. އަތޮޅުގައިވެސް ދިވެހިންގެ ބަޔަކު މިހާރު ދަނީ ސީވީޑް ކަލްޗަރކުރުމުގެ އިންވެސްޓްމަންޓެއް ކުރަމުންނެވެ. އަދި މި ސިނާއަތަށް ޝައުގުވެރިވެގެން އިތުރު ޕްރޮޕޯސަލްތައްވެސް ސަރުކާރަށް ދަނީ ލިބެމުންނެވެ. އުންމީދަކީ ކައިރި މުސްތަގުބަލެއްގައި މި މަސައްކަތް ފުޅާވެ، ރާއްޖޭގެ ކަޅުބިލަ މަހުގެ މަސްވެރިކަމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ވެސް ބޮޑު އާމްދަނީއެއް ގައުމަށް ހޯދައިދޭ ސިނާއަތަކަށް ވެގެންދިއުމެވެ.

މި ސިނާއަތަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ "މެރިކަލްޗަރ ސްކީމް" ގެ ނަމުގައި ޚާއްޞަ ސްކީމެއްވެސް ތަޢާރަފްކޮށްފައެވެ. މި ސްކީމްގެ ދަށުން ވިޔަފާރި ފަށަން ބޭނުންވާ މޫދުކޮށި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ މިހާރު މިކަމުގައި އުޅޭ ފަރާތްތަކަށް ވިޔަފާރި ފުޅާކުރުމަށާއި، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ދިވެހި އިންވެސްޓަރުންނަށް ހުޅުވިގެންދާ ރަނގަޅު ފުރުސަތެކެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް