ކެނެޑާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ!
.webp&w=1080&q=100)
އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުން މަނާކުރުމަށާއި، އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓްތައް ރެގިއުލޭޓް ކުރުމަށް ތައްޔާރުކޮށްފައިވާ "ޑިޖިޓަލް ސޭފްޓީ އެކްޓް" ކެެޑާގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގެ ދަށުން، ކުޑަކުދިންގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމުގެ އިތުބާރު ހޯދާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މިއިން އިސްތިސްނާވުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް ބޮޑެތި މީހުންނަށް ހާއްސަ ޕްލެޓްފޯމްތަކަށް މިފަދަ އެއްވެސް ލުޔެއް ނުލިބޭނެއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ހުށަހެޅި މި ބިލުގައިވާ ގޮތުން، ގާނޫނާ ހިލާފުވާ ކުންފުނިތަކަށް ވަރަށް ބޮޑެތި އަދަބުތަކެއް ލިބޭނެއެވެ. އެގޮތުން:
- ކުންފުނީގެ މުޅި ދުނިޔޭގެ އާމްދަނީގެ 3 އިންސައްތަ (3%) ޖޫރިމަނާކުރުން؛ ނުވަތަ
- 10 މިލިއަން ކެނޭޑިއަން ޑޮލަރު (ގާތްގަނޑަކަށް 7.2 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުން (މި ދެ އަދަދުގެ ތެރެއިން ބޮޑު އަދަދެއް ކަނޑައެޅޭ ގޮތަށް).
ކެނެޑާގެ ކަލްޗާ އެންޑް އައިޑެންޓިޓީ މިނިސްޓަރު މާކް މިލާ ވިދާޅުވީ، ސޯޝަލް މީޑިއާ އާއި އޭއައި ޗެޓްބޮޓްތައް ފަރުމާކޮށްފައި ހުންނަނީ އިންސާނާގެ ސަމާލުކަން އަތުލާގަންނަ ގޮތަށް ކަމަށެވެ. އަދި އޭގެ ސަބަބުން ކެނޭޑިއާގެ ގިނަ އަދަދެއްގެ ކުދިން އެކަހެރިވެ، ކަންބޮޑުވުމާއި ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އޮންލައިންކޮށް ލިބޭ ގެއްލުންތަކުގެ ނަތީޖާ ހިތްދަތިވެދާނެކަން އަޅުގަނޑުމެންނަށް މިހާރު ފެނިއްޖެ. ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ފަހުން ވިސްނާލަން ބާއްވާފައި އޮންނަ ކަމަކަށް ހަދައިގެން ނުވާނެ،" މިނިސްޓަރު މާކް މިލާ ވިދާޅުވިއެވެ.
މި ބިލުގެ ދަށުން އާންމުންގެ މެދުގައި މަގުބޫލުވަމުންދާ އޭއައި ޗެޓްބޮޓްތައް ބޭނުންކުރުން ކުދިންނަށް މަނާ ނުކުރި ނަމަވެސް، އެ ތަކެތިން ގެއްލުން ހުރި މައުލޫމާތު ފެތުރުން ހުއްޓުވުމަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާނެއެވެ. މީގެ އިތުރުން، މީހެއްގެ ނުރުހުމުގައި އޭނާގެ ބަރަހަނާ ނުވަތަ ޒާތީ ފޮޓޯއެއް އޮންނާނެހެން އުފައްދާ "ޑީޕްފޭކް" ފަދަ ތަކެތި ރިޕޯޓްކުރާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، ރިޕޯޓްކުރާތާ 24 ގަޑިއިރު ތެރޭގައި އެ ފޮޓޯއެއް ޕްލެޓްފޯމުން ނައްތާލަން ޖެހޭނެއެވެ.
މި ގާނޫނު ތަންފީޒުކުރުމަށްޓަކައި މިނިވަން ޑިޖިޓަލް ރެގިއުލޭޓަރެއް (Digital Safety Commission) އުފެއްދުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ބިލު މަޖިލީހުން ފާސްވުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭއިރު، ރެގިއުލޭޓަރީ އިދާރާ ގާއިމުކުރުމަށް 18 މަސް ދުވަސް ހޭދަވާނެއެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮސްޓްރޭލިއާއިންނެވެ. އޮސްޓްރޭލިއާގެ އެ ފިޔަވަޅާއެކު 5 މިލިއަނާ ގާތްކުރާ އަދަދެއްގެ ފުރާވަރުގެ ކުދިންގެ އެކައުންޓްތައް ވަނީ ބަންދުކޮށްފައެވެ. ކެނޑާޑާގެ އިތުރުން ފްރާންސް، ޑެންމާކް، ޕޮލެންޑް އަދި ގްރީސް ފަދަ ގައުމުތަކުންވެސް ދަނީ މިފަދަ ގާނޫނުތައް ހެދުމަށް ވިސްނަމުންނެވެ.

.gif.gif&w=828&q=100)
