ސުއަރޭޒަށް އުރުގުއޭ ވޯލްޑް ކަޕް ސްކޮޑުން ޖާގައެއް ނެތް

ރިޓަޔާމަންޓް އުވާލައި ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް ބުނި ނަމަވެސް އޭނާ ނުހިމަނައި، މި މަހު، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސްކޮޑު އުރުގުއޭ އިން އިއުލާނުކޮށްފި އެވެ.
މިދިޔަ މަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް، ސުއަރޭޒް ވަނީ ގައުމީ ޓީމަށް އެނބުރި އަންނަން ފުރުސަތު ލިބިއްޖެނަމަ ނޫނެކޭ ނުބުނާނެ ކަމަށް ބުނެފަ އެވެ.
އުރުގުއޭ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް އުމުރުން 39 އަހަރުގެ ސުއަރޭޒް، ގައުމީ ޓީމަށް ކުޅުން ހުއްޓާލިތާ 19 މަސް ދުވަސް ވަނީ ވެފަ އެވެ.
އުރުގުއޭ ގައުމީ ޓީމަށް ހަަތަރު ވޯލްޑް ކަޕްގައި ކުޅެދީފައިވާ ސުއަރޭޒް ވަނީ ގައުމީ ޓީމަށް ކުޅެދިން 143 މެޗުން 69 ލަނޑު ޖަހައިފަ އެވެ.
އެ ގޮތުން، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގާނާގެ އަސަމޮއޯ ޖިޔާން ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން އަތްލައި ހުއްޓުވި ސުއަރޭޒަށް އޭގެ ހަތަރު އަހަރު ފަހުން ވަނީ އިޓަލީގެ ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ ގައިގައި ދަތްއަޅައިގެން ވެސް އަދަބު ދީފަ އެވެ. އެ ގާނާ މެޗުގައި ރަތެއް ދެއްކި ސުއަރޭޒަށް، ކިއެލީނީ ގައިގައި ދަތް އަޅައިގެން ހަތަރު މަހުގެ ސަސްޕެންޝަނެއް އަަތުވި އެވެ.
ސުއަރޭޒް އަކީ ފާއިތުވެދިޔަ 15 ވަރަކަށް އަހަރުތެރޭ ދުނިޔެ ދެކފައިވާ އެންމެ ފުރިހަމަ ފޯވާޑުންގެ ތެރެއިން އެކަކެވެ. ދުނިޔޭގެ މަޝްހޫރު ކްލަބުތައް ކަމަށްވާ ބާސެލޯނާ އާއި ލިވަޕޫލްއަށް ސުއަރޭޒް ވަނީ ކުޅެދީފަ އެވެ.

.gif.gif&w=828&q=100)

