logo
logo
މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފި

މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފި

2026 އޭޕްރީލު 12
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. 

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުންގެ އަޢުލަބިއްޔަތުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. 

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

ހުކުމުގެ ދަށުން ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، ސިނާންގެ ފަރާތުން އެ ފައިސާ އެއްކޮށް ދެއްކީ ތިން ވަނަ މަހު ކަމަށްވާތީ ހުކުމުގެ މުއްދަތުގައި ފައިސާ ދައްކާފައިވާ ކަމަށް ސިނާންގެ ފަރާތުން ބުނެފައިވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމް އޮތްގޮތުން ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކަމުން ދާން ޖެހޭއިރު، ފައިސާ ދައްކަން ވެސް ޖެހޭނީ އެގޮތަށް ކަމަށެވެ. 

ފަނޑިޔާރު ވިދާޅުވީ އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

"އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުން، އެހެންކަމުން ހިތަދޫ ކޯޓުގެ ގަޒިއްޔާއިން މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނި އެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުހައްމަދު ސިނާނު ވަކިވެއްޖެ ކަމަށް ކަނޑައަޅަން،" ހުކުމް އިއްވަމުން ޝުޖޫން ވިދާޅުވި އެވެ. 

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވީ 1079 ވޯޓާއެކު 39 ޕަސެންޓު ވޯޓާއެކު އެވެ. އެންމެ ކައިރިން ވާދަކުރެއްވީ ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު އަސްލަމް އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމްއަށް 838 ވޯޓު ލިބިވަޑައިގަތެވެ. 

ސިނާނުއަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ އަދި ގެދޮރުވެރިކަމުގެ ކޮމިޓީގެ މެންބަރެކެވެ. 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް