logo
logo
ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ރާއްޖެއަށް: ނައިޖަލް ފަރާޖް

ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ރާއްޖެއަށް: ނައިޖަލް ފަރާޖް

2026 ފެބްރުއަރީ 26
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ފޯޅަވަހީގެ ރަށްތަކަށް ނުވަތަ ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ދިވެހިރާާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. ޗާގޯސް މައްސަލާގައި ވަރަށް ތަފްސީލުކޮށް ދެއްކެވި ވާހަކަގައި ނައިޖަލް ވިދާޅުވި ގޮތުގައި ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު ރާއްޖެއަށް އޮތް ކަމުގެ ސާފު ހެކި ފެނެ އެވެ. އަދި ތާރީހީ ގޮތުންނާއި އަދި ޖިއޮގްރަފީގެ ގޮތުން ބެލި ނަމަވެސް އެ ހައްގު އެންމެ ބޮޑީ ދިވެހީންނަށް ކަމަށް ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި ރާއްޖެއިން ސާފު ސްޓޭންޑެއް ގެންގުޅޭކަން ފާހަގަ ކުރައްވާ އޭނާ ވަނީ ބައިނަލްއަގުވާމީ ކޯޓުގައި އެ ދައުވާ އުފުލަން ރާއްޖެއިން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެ ދައުވާ ކުރުމުގެ ހައްގު ދިވެހިރާއްޖެއަށް ފުރިހަމައަށް އެބައޮތް ކަމަށެވެ.

އޭގެ ބަދަލުގައި އެ ހައްގު އެންމެ ބޮޑީ މޮރިޝަސްއަށް ކަމަށް ބުނުމަކީ ހަމަޖެހޭ އަދި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަށް އަހަރެން ކުރި ދަތުރުން ކުރިން ނޭނގޭ އެތައް ކަމެއް އެނގުނު. ރާއްޖެއަކީ ޗާގޯސްގެ ރަށްތަކާއި ތާރިހީ އަދި އާކިއޮލޮޖީގެ ގޮތުން ވަރަށް ޒަމާންވީ ގުޅުމެއް އޮތް ތަނެއް ކަން. ފަރަންސޭސިން ކުރިހާވެސް ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔާފައިވާ ނަންތައް ބަދަލުކޮށްލުން،" ފަރާޖު ވިދާޅުވިއެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ރާއްޖެއިން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރު، ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާއެއް ކުރުމަށް މޮރިޝަސްއަށް ތާރީހީ، ސަގާފީ އަދި ޖިއޮގްރަފީގެ އެއްްވެސް އަސާސެއް ދެއްކެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގައި ރާއްޖޭގެ ހިތްހަމަނުޖެހުން ގުޅިފައި އޮތީ ޒަމާންތަކެއް ވަންދެން މި ސަރަހައްދުގައި އޮތް ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުން ސަރަހައްދީ އިންތަކާ ގުޅޭ "ހަނގުރާމެއް" މި ސަރަހައްދުގައި އުފެދުމުގެ މާހައުލެއް އޮތުންކަމަށް ވެސް ފަރާޖު ވިދާޅުވިއެވެ.

ފަރާޖު ވިދާޅުވި ގޮތުގައި ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ވަރަށް އަވަހަށް ފޯޅަވަހީގެ ރަށްތަކާ ގުޅިގެން ދައުވާއެއް އުފުލާނެއެވެ.

"އަޅުގަނޑު މައުލޫމާތަށް ދަންނަވާލަން. ރާއްޖެއިން އައިސީޖޭއަށް ދައުވާއެއް ހުށަހަޅާނެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. އަޅުގަނޑު ދެކޭ ގޮތުގައި އެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ބަޔަކަށް އޮންނަ ނަމަ އޮންނަންވީ ރާއްޖެއަށް. މޮރިޝަސްއަކަށް ނޫން،" ފަރާޖު ވިދާޅުވިއެވެ.

އައިސީޖޭ އިން މިކަމާ މެދުގައި ގޮތެއް ނިންމަންދެން އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްނުކޮށް މަޑުޖައްސާލަން އޭނާ އެދިވަޑައިގެންނެވިއެވެ.

ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ކުރީން ނިންމި އެވެ. ނަމަވެސް އެކަން ފަހުން އޮތީ މަޑުޖެހިފަ އެވެ.

ފޯޅަވައްސަކީ މީގެ ކުރިން މޮރިޝަސްގެ ބައެއް ކަމަށް އެ ގައުމުން ދައުވާކުރެއެވެ. 1814 އިން ފެށިގެން އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް މޮރިޝަަސް 1965 ވަނަ އަހަރު މިނިވަންކުރި އިރު އިނގިރޭސިވިލާތުން ވަނީ ފޯޅަވަހި އެ އިނގިރޭސީންގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ"ގެ ނަން ދީފައެވެ. އަދި އެތަނުގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރި އިރު، އެ އަތޮޅުގައި ދިރިއުޅުނު މީހުން ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަން ވަނީ މަޖުބޫރުކޮށްފައެވެ.

އެ މައްސަލައިގައި މޮރިޝަސްއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިނގިރޭސިވިލާތާ ދެކޮޅަށް ދައުވާކުރުމުން 2019 ވަނަ އަހަރު އެ ކޯޓުން ވަނީ އިނގިރޭސިވިލާތުން އެ އަތޮޅު އަނބުރާ މޮރިޝަސްއަށް ދޭން ޖެހޭނެ ކަމަށާއި އެތަނުގައި ދިރިއުޅު މީހުން ބޭލުވީ ގޯސްކޮށް ކަމަށް ބުނެފައެވެ.

އެ ނިންމުމާއެކު މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުޅާވެ، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށޫއެރިއެވެ. ކޮންމެ ގައުމެއްގެ ވެސް ހިކިފަސް ބިމުން ފެށިގެން 200 ނޯޓިކަލް މޭލަކީ އެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށް ބައިނަލްއަގުވާމީ ގާނޫނުތައް ބުނާއިރު، ރާއްޖެއާއި މޮރިޝަަސްއާ ދެމެދު ޖެހުނު މައްސަލަ ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަށް ހުށަހެޅިއެވެ.

އެ ޓްރައިބިއުނަލުން ބެލި މައްސަލައިގައި މިދިޔަ ސަރުކާރުން ނިންމާފައި ވަނީ މޮރިޝަސްއާ ފުށޫއަރާ ސަރަހައްދު ހަމަހަމައަށް ބައިކޮށްލުމަށެވެ. އެއާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއްގެ ގެއްލުމުން ކަނޑި ވިއްކާލީ ކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ޗާގޯސްގެ ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެވެ. އެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް