
ފޯޅަވަހި ހޯދުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން ރައީސްގެ ޚާއްސަ އިންޓަވިއުއެއް ޔޫކޭގެ ނޫހަކަށް!
ޒައުޖަތު އަޙުމަދުފޯޅަވަހި އަނބުރާ ހޯދުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ޚާއްސަ އިންޓަވިއުއެއް ޔޫކޭގެ ނޫހަކަށް ދެއްވައިފިއެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ އެކްސްޕްރެސް ކޯ ޔޫކޭގައި ބުނެފައިވާ ގޮތުގައި އެ ނޫހަށް ރައީސް ޑރ. މުޢިއްޒު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، އެމަނިކުފާނު ވަނީ، ތާރީޚީގޮތުން ރާއްޖޭގައި "ފޯޅަވަހި" ގެ ނަމުން މަޝްހޫރުވެފައިވާ ޗާގޯސް ޖަޒީރާތަކުގެ މުސްތަގުބަލާ ބެހޭގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ މުއާމަލާތްކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އެމަނިކުފާނު ވަކާލާތު ކުރައްވާ ގޮތުގައި، ޖިއޮގްރަފީގެ ގޮތުންނާއި، ތާރީޚީ ގުޅުންތަކުގެ ގޮތުން އަދި ޤާނޫނީ ގޮތުން ބަލާއިރުވެސް، އެ ރަށްތަކުގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށްވުރެ ބޮޑަށް ހައްގުކަން ބޮޑީ ދިވެހިރާއްޖެއެވެ.
ރާއްޖޭގެ މި ހުށަހެޅުން ކާމިޔާބުވެއްޖެނަމަ، 2025 ވަނަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ސޮއިކުރި އެއްބަސްވުން ބާތިލުވެގެންދާނެއެވެ. އަދި މީގެ ސަބަބުން އިނގިރޭސި ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ 35 ބިލިއަން އާއި 80 ބިލިއަން ފައުންޑާ ދެމެދުގެ ބޮޑު އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް އެކްސްޕްރެސް ކޯ ޔޫކޭ ނޫހުގައި ބުނެފައިވެއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން މި މައްސަލައިގެ އަސްލަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ދިފާއީ ބާރު ވަރުގަދަކޮށްދޭ އަދި ޗައިނާގެ ނުފޫޒު ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކުރާ ޑިއޭގޯ ގާސިއާ މިލިޓަރީ ބޭހެވެ. އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސްވެފައިވާ އައު އެއްބަސްވުމުގެ ދަށުން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް، 99 އަހަރުގެ ކުލީގެ އެއްބަސްވުމެއްގެ ދަށުން ޑިއޭގޯ ގާސިއާގެ ކޮންޓްރޯލް އިނގިރޭސިވިލާތާއި އެމެރިކާއަށް އޮންނާނެއެވެ. މީގެ ބަދަލެއްގެ ގޮތުން، މިހާރު އިނގިރޭސިންގެ މިލްކުވެރިކަމުގައި އޮތް ބިމަށް ކުލީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ފައުންޑާ މޮރިޝަސްއަށް ދޭންޖެހޭނެއެވެ.
"ނަމަވެސް ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާ ގޮތުގައި، މިއީ ހަމައެކަނި ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި މައްސަލައެއް ނޫނެވެ. މިއީ ތާރީޚީ ޙަޤީޤަތްތަކާއި، އިންސާފާއި، އަދި ޒަމާންވީ ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ދޭ ސަމާލުކަމާ ގުޅޭ މައްސަލައެކެވެ." އެ ނޫހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ބަހުސްގެ ތެރެއަށް ވެދެވަޑައިގެން، ސްޓާމަރ އެ ޖަޒީރާތައް ދޫކޮށްލެއްވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް މުއިއްޒު އެކްސްޕްރެސް ކޯ ޔޫކޭ އަށް ވިދާޅުވިއެވެ: "ރަސްމީ ސިޓީތަކެއްގެ ޒަރީއާއިން، އަޅުގަނޑުމެންގެ ކަންބޮޑުވުންތަކާއި އަޅުގަނޑުމެންގެ ދައުވާ އިނގިރޭސި ސަރުކާރަށް މިހާރު އޮންނާނީ އެނގިފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުގައި އޮންނަ ޗާގޯސް ޖަޒީރާތަކާ ނުވަތަ އަޅުގަނޑުމެން ދަންނަ ގޮތުން ނަމަ ފޯޅަވައްސާ ރާއްޖެއާ ތާރީޚީ ގުޅުންތަކެއް އެބައޮތެވެ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމެވެ. އަދި އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖޭގެ ޙައްޤު މިކަމުގައި ބޮޑުކަމަށް އަޅުގަނޑުމެން ގަބޫލުކުރަމެވެ." އެމަނިކުފާނުގެ އިންޓަރވިއުގައި ވިދާޅުވި ކަމަށް އެކްސްޕްރެސްގައި ބުނެފައިވެއެވެ.
"މިހާރު ވާނީ ރަސްމީ މުއާމަލާތްތަކުގެ ތެރެއިން އިނގިރޭސި ސަރުކާރަށް މިކަން ހުށަހަޅާފައެވެ. އެ މަޝްވަރާތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އެންމެ ވަރުގަދަ ހުއްޖަތެއް އޮތީ ރާއްޖެއަށްކަން އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމެވެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވި ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސް އާއި ޗާގޯސްއާ ދެމެދު ގާތްގަނޑަކަށް 1,300 މޭލު ހުރެއެވެ. ނަމަވެސް، ރާއްޖޭގެ ވެރިރަށް މާލެއާ ޗާގޯސްއާ ދެމެދު ހުރީ އެންމެ 310 މޭލެވެ.
ދިވެހިރާއްޖޭގެ ސިފަތަކާއި ދިވެހީންގެ އަސަރުތައް ފެންނަންހުރި ފޯޅަވަހީގެ ސިޔާދަތީ ބާރުތައް ދޫކޮށްލަން ނިންމީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު މޮރިޝަސްއަށް ފޮނުވި ސިޓީއަކުން ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23