logo
logo
އީސީ އަދި ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅުން  ޢައްޔަންކުރައްވައިފި

އީސީ އަދި ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

2026 ފެބްރުއަރީ 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަކިވަކިން ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާއި ޙަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

މީގެއިތުރުން މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޙަސަން ޝަފީޢު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޙަސަން ޝަފީޢުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޙަސަން ޝަފީޢުއާއި ޙަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް