logo
logo
ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ރިޒާވް ފުރަތަމަ ފަހަރަށް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް

ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ރިޒާވް ފުރަތަމަ ފަހަރަށް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް

2026 ފެބްރުއަރީ 05
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އުފުލި މިވަގުތު 1.1 ބިލިއަން ޑޮލަރު ރިޒާވްގައި އެބަހުރި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރަން އިސްކަމެއް ދެއްވައިގެން މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ކުރީގެ ސަރުކާރުން ވާރުތަވެފައި ހުރި ބޮޑެތި ދަރަނި ދެއްކޭނެ ގޮތްތަކަށް ޑޮލަރުގެ އާމްދަނީ އިތުރުވާނެ ގޮތްތަކަށް ވިސްނައިގެން ސިޔާސަތުތަކަށް ބަދަލު ގެންނެވި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް ދެއްކުމަށް ހުރި ދަރަނިތައް އަދާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ. 

ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށެވެ.

"މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައި އެބަހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު ލިބުނު އާމްދަނީން ޑޮލަރުގެ ގޮތުގައި 1.2 ބިލިއަން ލިބުނު ކަމަށެވެ. އަދި މަނީ އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން 492 މިލިއަން ޑޮލަރު އެމްއެމްއޭއިން މާރުކޮށްފައިވާ ކަމަށާއި މިއީ ދައުލަތުގެ ރިޒާވް ރަނގަޅު ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެސްޑީއެފްއަށް ވެސް ވަނީ އަލިއަޅުއްވާ ލައްވާފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރެވެ.

އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްގައި މިވަގުތު 275 މިލިއަން ޑޮލަރު އެބަހުއްޓެވެ. އެ ބަދަލު ގެނެވުނީ، އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކޮށް، އެ ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުކޮށްގެންނެވެ. އޭގެ ތެރެއިން 150 މިލިއަން ޑޮލަރު އަންނަ އޭޕްރީލްގައި ދައްކަން ޖެހޭ ސުކޫކަށް ދެއްކުމަށް ބޭނުން ކުރާނެ އެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް