
ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ޒައުޖަތު އަޙުމަދުސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުން ވަނީ ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމަވާފައި ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ތަޙުޤީޤު ކުރަމުންނެވެ.
ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް ޕީޖީ އޮފީހުން ވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފައި ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ސަނީ ޢުމަރު 30 ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
ސަނީ ޢުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރަން ފަށާފައިވަނީ މީގެ 10 އަހަރު ކުރިން ފެށިގެން ކަމަށް އަނިޔާލިބުނު ކުދިންގެ ޢާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ ޖިންސީ ގޯނާކުރި ބައެއް ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެ ޢާއިލާއިން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވެ ފުލުހުންނަށް ހުށަހެޅުމުން އޭނާ މިދިޔަ ހަފުތާގައި ރާއްޖެ ދޫކޮށް ދިޔައެވެ. އޭނާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެނބުރި ރާއްޖެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު ދޫކޮށްލީއެވެ. ފަހުން ކޯޓު އަމުރެއްގެ ދަށުން ސަނީ ހައްޔަރު ކުރީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ސަނީ ޢުމަރަކީ "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި އޭނާ އެ ކުންފުނީގައި އަދާކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށް ބުނެފައިވެއެވެ.
ގައިސް ޕްރައިވެޓް ލިމިޓެޑަކީ ޙަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރެއްގެ މައްޗަށް 5 ދަޢުވާއެއް ކޮށްފި2026 ޖެނުއަރީ 25
ކޮވިޑް 19 ގައި ޕީސީއާރު ޚިދުމަތް ދިން 2 ކުންފުންޏަކަށާއި މަސްއޫލުވެރިންގެ މައްޗަށް ދަޢުވާކޮށްފި2026 ޖެނުއަރީ 21
ފުރުން މަނާކޮށް ޝަމްޢާން ބަންދުން ދޫކޮށްލައިފި2025 ޑިސެމްބަރު 25
ސިނގިރޭޓް ކޮންޓެއިނާ ވަގަށް ނެގި މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކޮށްފި2025 ޑިސެމްބަރު 16