
ރާއްޖެއާއި އިނގިރޭސި ވިލާތުގެ ބަދަހި ގުޅުމަށް ނައިބު ރައީސް ތަޢުރީފުކުރައްވައިފި
ޒައުޖަތު އަޙުމަދުދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށާ މި ގުޅުން ބިނާވެގެންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރިކަމާ، އިތުބާރާއި، އަދި ދެ ޤައުމުން ބައިވެރިވާ، ދުނިޔޭގެ ޞުލްޙަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ކަމަށް ރައީސުލް ޖުމުހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، އެމަނިކުފާނުގެ ވާހަކަފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) އަށް ތަހުނިޔާއާއި، ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ތިމާވެށި ޙިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމަށް، ކިންގް ޗާލްސް (ތިންވަނަ) ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، އެކަންކަމަކީ، ދިވެހި ރާއްޖެއިންވެސް ވަރަށް އިސްކަންދެއްވާ ކަންތައްތަކެއް ކަމުގައި ފާހަގަކުރައްވައިފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހިޒް މެޖަސްޓީގެ ޒަޢާމަތުގެ ދަށުން، އެއްބައިވަންތަކަމާ، ޒިންމާދާރުކަމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއާއި، ސަޤާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުން ތަކުގެ ތެރެއިން އިތުރަށް ވަރުގަދަ ވެފައިވާކަމަށެވެ. މީގެ ތެރޭގައި، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅާއި، އެމަނިކުފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސްއާއެކު ބޭއްވެވި އެކަހެރި ބައްދަލުވުމާއި، އަދި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި، ހިޒް މެޖަސްޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ދެ ޤައުމުންދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
1965 ވަނަ އަހަރުގެ ޖުލައިމަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު، ދިވެހި ރާއްޖެއާ ޙަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.
ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދެޤައުމަށް ކުރިއެރުމާއި، އަމަން އަމާންކަމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން، ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
މި އަހަރަކީ، އިނގިރޭސި ވިލާތާއި ދިވެހި ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި2025 ޑިސެމްބަރު 02
ރަސްގެފާނު ޗާލްސްގެ ދައުވަތަކަށް ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް!2025 ނޮވެމްބަރު 30
އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކުރި މީހާއަކީ ދިވެހި ރައްޔިތެއް ނޫން: އިމިގްރޭޝަން 2025 އޯގަސްޓު 07
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި!2025 ޖުލައި 19