logo
logo
ޕޭޕަލްގެ ހިދުމަތް ދިވެހިންގެ އަތްމައްޗަށް އަންނަން ދެން މާ ލަސްތަކެއް ނުވާނެ: ރައީސް

ޕޭޕަލްގެ ހިދުމަތް ދިވެހިންގެ އަތްމައްޗަށް އަންނަން ދެން މާ ލަސްތަކެއް ނުވާނެ: ރައީސް

2025 އޮކްޓޯބަރު 15
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ޕޭޕަލްގެ ހިދުމަތް ދިވެހިންގެ އަތްމައްޗަށް އަންނަން ދެން މާ ލަސްތަކެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕޭޕަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށް ބޭނުންކުރާ އެމެރިކާގެ ޕޭމަންޓް ސިސްޓަމެކެވެ. ދުނިޔޭގެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ މި ޕްލެޓްފޯމަށް އެކްސެސް ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ.

ރާއްޖޭގައި ޕޭޕަލް ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހުމާ ގުޅިގެން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން އިއްޔެ ވަނީ މަރުހަބާ ކިޔައިފައެވެ. ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭފަލްގެ ހިދުމަތް ތައާރަފު ކުރުމަށް ނިންމާފައިވާއިރު، މި ހިދުމަތް އަންނަ އަހަރު ތެރޭގައި ފަށާނެއެވެ.

"ކްރިއޭޓިވް އިކޮނޮމީގެ ތެރެއިން އޮންލައިން، ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދުނިޔޭގެ ބާޒާރުގައި ވިއްކާ ގަނެ ހެދުމުގެ ފުރުސަތުތައް ހޯދައިދޭނެ ކަމަށް ވައުދުވިން، ތިޔަބޭފުޅުންނަށް މިއަދު މީޑިއާއިން ނޫސްތަކުން ފެނިވަޑައިގަންނަވާނެ މީގެ ތެރެއިން ޕޭޕަލްގެ ވާހަކަ، އެއީ އަޅުގަނޑު ވައުދުވި ވަރަށް މުހިންމު ވައުދެއް، ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު، އެއްކަލަހެން ބިހައިންޑް ކްލޯޒް ޑޯގައި، ވަރަށް ގިނަ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން، ކަމާ ގުޅުން ހުރި މިނިސްޓްރީން ކުރަމުން، މިއަދު އެ ވަނީ ރާއްޖެއަށް ޕޭޕަލް ހިދުމަތް ގެނައުމަށްޓަކައި ޕޭޕަލްގެ ފަރާތުން ގަތަރުގެ އުރީދޫ ފިންޓެކް މެދުވެރިކޮށް ރާއްޖެއަށް މި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާކަން އިއުލާން ކޮށްފައި،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާ ލަސްތަކެއް ނުވެ މި އަންނަ އަހަރުގެ ތެރޭގައި ޕޭޕަލް ލިބިގެން ދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. އެކަންވެސް މި ދަނީ ގާތްގަނޑަކަށް ދިވެހިންގެ އަތްމައްޗަށް އެ ފުރުސަތު އަންނަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ފަންނުވެރިން ކުރިއަރުވާ ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށާއި ރާއްޖޭގެ ތާރީހުގައި އަލަށް ފަށާ މުހިންމު ހިދުމަތަކީ ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރުމާއި ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުން ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ޕޭޕެލް އާއި އުރީދޫ ފިންޓެކް ގުޅިގެން ރާއްޖެގައި ޕޭޕެލްގެ ހިދުމަތްފެށުމަށް ތައްޔާރުވެފައިވާކަން އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ. ޕޭޕެލްެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ އުރީދޫ ފިންޓެކާއި ޕޭޕެލް ގުޅިގެންނެވެ. އެ ފަރާތުން މައުލޫމާތު ދޭގޮތުގައި މިހާރު ކުރިއަށް ދަނީ ދެ ފަރާތުން ޕާޓްނާޝިޕް އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަރުހަލާއެވެ.

މި ކަމަކީ ރާއްޖެގެ އާންމުންނާއި ވިޔަފާރިތަކަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ޕޭޕެލްގެ ހިދުމަތް ފެޝުމަށް ހަމަޖެިފައިވަނީ އަންނަ އަަހަރުގެ ތެރޭގައެވެ. މި ހިދުމަތް ފެށުމުން ދިވެހިންނަށް ޕޭޕެލް ބޭނުންކޮށްގެން ބޭރުން ވިޔަފާރި ކުރެވުމާއި ޕޭޕެލް އިން އުރީދޫގެ އެމްފައިސާއަށް ވެސް ފައިސާ ޖަމާ ކުރެވޭނެއެވެ.

މީގެ އިތުރުން ދިވެހި ވިޔަފާރިވެރިންނަށް މި ހިދުމަތުގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމުގެ މަގު ފަހިވެގެން ދާނެއެވެ.

ޕޭޕެލް ހިދުމަތް ރާއްޖެއަށް ގެނައުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓީގައި ހިމެނޭ ޑިޖިޓަލް ޓްރާންފޮމޭޝަންގެ ތެރެއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް