
ބަންކަރިންގެ ހިދުމަތުން މިހާތަނަށް 192 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
އިހަވަންދިއްޕޮޅުގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށިތާ އަހަރެއްގެ ތެރޭގައި އެ ހިދުމަތުން ދައުލަތަށް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށާއި އެސްޓީއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ހިދުމަތުން 192.14 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކުހުގެ ގޮތުގައި ވެސް 17 މިލިޔަނަށްވުރެ ގިނައިން ލިބިފައިވާ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް 17 މިލިޔަން ރުފިޔާގެ ޓެކްސް ލިބިފައިވާއިރު، އޭގެތެރެއިން 80 އިންސައްތައަކީ ލޯސަލްފާ ފިއުލްއިން ލިބުނު ޓެކުހެެވެ. މިއީ މީގެ ކުރިން ރާއްޖެއަށް ގެނެސްގެން ވިއްކި އެއްޗެއް ނޫންކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކުރިއެވެ. ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ކޮންޓެއިނާ ޓާމިނަލެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
